ޚަބަރު

"ބޭރުގެއިންވެސްޓްމަންޓްތައް އިތުރުވެ، އިތުބާރު އަންނަނީ ލިބެމުން"


ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެ، އިންވެސްޓަރުންގެ އިތުބާރު ބޮޑުވަމުން އަންނަކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

މިކަމާއި ގުޅޭގޮތުން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ހަރުދަނާ  އިޤްތިޞާދީ ސިޔާސަތުގެ ދަށުން މިއަދު ރާއްޖެ ދެކެމުން މިދަނީ ތަރައްޤީގެ އާޒަމާނެއްކަމަށެވެ. 

އިޤްތިސާދީގޮތުން ދުނިޔޭގެ ކުރިއަރާފައިވާ  ބައެއް ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއިކޮށް ބައެއް ޤައުމުތަކާއެކު އެފަދަ އެއްބަސްވުންތައް ޤާއިމްކުރުމަށް ދިވެހި ސަރުކާރުން ދަނީ މަޝްވަރާކުރައްވަމުން. މިއާއެކު ރާއްޖޭގައި އިންވެސްޓުކުރަން މިއީ އެންމެ މުނާސަބުވަގުތުކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅައިވެސް ވިދާޅުވެފައެވެ. 

އެއް ބިލިޔަން ޑޮލަރުގެ އެނބޫދޫ ލެގޫން މަޝްރޫޢާއި، ހުޅުމާލެ ތަރައްޤީކުރުމަށް ކުރާ އިންވެސްޓްމަންޓްގެ އަގު ބިލިޔަން ޑޮލަރުން ގުނާލެވެއެވެ. މިފަދަ ބިޔަ މަޝްރޫޢުތަކުން  ފެނިގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިޤްތިޞާދީ ސިޔާސަތު ބައިނަލްއަޤުވާމީ ފަރާތްތަކުން ބަލައިގަންނަ މިންވަރު ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. 

ރާއްޖެއަށް އިންވެސްޓަރުންގެ ޝައުޤުވެރިކަން އިތުރުކޮށް އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމްކުރުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހްތައް ގެނެސް، ތަފާތު އެކި ފޯރަމްތަކުގައި ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް ސަރުކާރުން އަންނަނީ ބޭރުގެ ވިޔަފާރިވެރިންނަށް އަންގައިދެމުންނެވެ. 

މިގޮތުން ވިޔަފާރިއާއި އިޤްތިޞާދު އިތުރަށް ފުޅާކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ދުނިޔޭގެ އިންވެސްޓްމަންޓް ކޮމިއުނިޓީއާއި ޙިއްޞާކުރުމަށާއި، ރާއްޖޭގެ ވިޔަފާރިވެރީންނާއި ބޭރުގެ ވިޔަފާރިވެރީންނާ ދެމެދު ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ސަރުކާރުން އިންތިޒާމްކޮށްގެން ބާއްވާ އިންވެސްޓްމަންޓް ފޯރަމްތަކުން ވެސް އިންވެސްޓަރުންގެ ލޯ ރާއްޖެއަށް އަމާޒުވެގެންދެއެވެ. 

ދުނިޔޭގެ ހަތަރު ޤައުމެއްގައި ރާއްޖޭއިން އިންވެސްޓްމަންޓް ފޯރަމްތައް ބާއްވަވާފައިވާއިރު،  މިހުރިހާ ފޯރަމަކީވެސް ވަރަށް ކާމިޔާބު ފޯރަމްތަކެއްކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.