ކުޅިވަރު

ލިވަޕޫލް ބަލިވެ، ކޯޗު ކްލޮޕް ރުޅި އަތުވެއްޖެ


ބަލިނުވެ 18 މެޗު ހަމަކޮށްފައިވަނިކޮށް، ރޭ ޓޭބަލުގެ ފުލުގައި އޮތް ސްވަންސީ އަތުން ލިވަޕޫލް ބަލިވުމާއެކު ކޯޗު ޔާގެން ކްލޮޕްގެ ރުޅި ކޮންޓްރޯލްނުވެ، ސަޕޯޓަރަކާ ދިމާކޮށްފިއެވެ.

ސްވަންސީ އަތުން 1-0 ން ލިވަޕޫލް ރޭ ބަލިވި ނަމަވެސް އެ ޓީމު އޮތީ 47 ޕޮއިންޓާއެކު އިނގިރޭސި ލީގުގެ ތާވަލުގެ ހަތަރުވަނާގައި ސްވަންސީ ޓޭބަލުގެ ފުލުގައި އޮތީ 20 ޕޮއިންޓާއެކުއެވެ.

ކްލޮޕް ބުނީ ސްވަންސީގެ ސަޕޯޓަރަކާ ދިމާކުރެވުނީތީވެ ހިތާމަ ކުރާ ކަމަށާއި އެކަމަށް މައާފަށް ވެސް އެދޭ ކަމަށެވެ. ސަޕޯޓަރަކާ ދިމާކުރެވުނީ މެޗު ނިމުމާއެކު އޭނާއަ ދިމާލަށް ސަޕޯޓަރު ހަޅޭއްލައި ހެދުމުން ކަމަށާއި، އޭނާ އަކީ ވެސް އިންސާނަކަށްވާތީވެ ކަންކަމާމެދު ބައެއް ފަހަރު ބޭއިހްތިޔާރުގައި ގޯސްކޮށް އަމަލު ކުރެވިދާނެ ކަމަށެވެ.

ކްލޮޕް ބުނީ ނަތީޖާއަށްވުރެ ބޮޑަށް އޭނާ ކަންބޮޑުވީ މެޗުގައި ލިވަޕޫލް ދެއްކި ފީކަޅާ ކުޅުމާ ހެދި ކަމަށެވެ. ސްވަންސީން މެޗުގައި ކުޅެން މަސައްކަތް ނުކުރާ ކަމަށާއި އެމީހުންގެ ދަންތުރާގައި ލިވަޕޫލް ވަރަށް ރަނގަޅަށް ރޭގެ މެޗުގައި ޖެހިފައިވާ ކަމަށް ކޯޗު ވަނީ އެއްބަސްވެފައެވެ. އޭނާ ބުނީ ސްވަންސީން މެޗުގައި ކުރަން ބޭނުންވި ހުރިހާ ކަމަކަށް ވެސް މަގުފަހިކޮށްދިނީ ލިވަޕޫލް އަމިއްލަ އަށް ކަމަށާއި ނަމަވެސް ފުޓްބޯޅައިގައި މިފަދަ ގޮތްތައް ދިމާވާނެކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ.

ފުލުގައި އޮތް ސްވަންސީ އަތުން ރޭ ލިވަޕޫލް ބަލިިއިރު މިދިޔަ ހަފުތާގައި ލިވަޕޫލުން ވަނީ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ.