ކުޅިވަރު

ޓީސީ އެޓޭކަށް، ސައިފް ޑިފެންސަށް


އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި މިއަދު ބަނގްލަދޭޝްގެ ސައިފް ސްޕޯޓްސްއާ ދެކޮޅަށް ޓީސީން އެޓޭކިން ގޭމެއް ކުޅެން ނިންމިއިރު ބަލިނުވެ ފަރުޖައްސާލަން ސައިފް ސްޕޯޓްސް ކުލަބުން މަސައްކަތް ފަށައިފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނީ އެނބުރި ގައުމަށް ދާން ބޭނުންވަނީ މޮޅަކާއެކު ކަމަށެވެ. މިކަން ކުރަން ބަލާއިރު ލިބޭ އެންމެ ބޮޑު ހިތްވަރަކީ މިދިޔަ އަހަރު ބަނގްލަދޭޝްގައި ބެއްވި ޝައިހް ކަމާލް އިންވިޓޭޝަނަލް ކަޕް ޓީސީ ކާމިޔާބުކޮށްފައިވުން ކަމަށެވެ.

ނިޒާމް އެޓޭކިން ގޭމެއް ކުޅެން ނިންމިއިރު ސައިފް ސްޕޯޓްސް ކުލަބުން ވާހަކަ ދައްކާފައިވަނީ ވަނީ ވަރަށް ބޮޑަށް ދިފާއީ ވިސްނުމެއްގައެވެ. ކޯޗު ރަޔަން ނޯތްމޯ ބުނީ އޭނާގެ ޓީމަކީ ވަރަށް އާ ޓީމެއް ކަމަށާއި، މެނޭޖްމަންޓް ވެސް މިފަދަ މުބާރާތަކަށް އާވުމުން ދަތިތަކެއް އެބަހުރި ކަމަށެވެ.

އޭނާ ބުނީ އެންމެ ބޮޑު ގޮންޖެހުމަކީ އެހެން ކުލަބުތަކުން ވަގުތީ ގޮތުން ގެނައި 8 ކުޅުންތެރިން ކަމަށާއި، އެ ކުޅުންތެރިން ލައްވައި ކުޅުވާނެ ރޭވުންތެރިކަމެއް ހޯދިފައި ނެތުމުން ކަންބޮޑުވާ ކަމަށެވެ. ސަބަބަކީ އެކުގައި އެކަށީގެންވާ ވަރަށް މި ކުޅުންތެރިން ޕްރެކްޓިސް ކޮށްފައިނުވުން ކަމަށެވެ. ސައިފް ސްޕޯޓްސް އަށް ކޯޗިން އެޑްވައިޒަރެއްގެ ގޮތުގައި ކުރީގެ ގައުމީ ކޮޗު މައުރޫފުލް ހައްގު ގެނެސްފައިވަނީ ވެސް މިފަދަ ސަބަބުތަކާހެދި ކަމަށް ޓީމުގެ ކޯޗު ނޯތްވާ ވަނީ ފާހަގަކޮށްފައެވެ.

ސައިފް ސްޕޯޓްސްގެ ކެޕްޓަން ޖަމާލް ބުއިޔަން ބުނީ ދަނޑު އޮތް ހާލަތުން ދެ ޓީމަށް ވެސް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށެވެ. އަދި މެޗަކީ ސައިފް ސްޕޯޓްސް އާއި ގައުމަށްޓަކައި ވެސް ކުޅޭ ހާއްސަ މެޗެއް ކަމަށެވެ.

މިއަދު ރާއްޖެ ގަޑިން މެންދުރު ދޭއް ޖަހާއިރު ފަށާ މި މެޗަށް ފަހު މި ދެ ޓީމުގެ ފަހު މެޗު އޮންނާނީ އަންނަ ހަފުތާގައި ރާއްޖޭގައެވެ.