ކުޅިވަރު

ވޯލްޑް ޓްރޮފީ ޓުއާ ފަށައިފި


ކޮކާކޯލާ ފީފާ ވޯލްޑް ކަޕުގެ ޓްރޮފީ ޓުއާ ރަސްމީކޮށް ފަށައިފިއެވެ.

ދުނިޔެގެ ތައްޓަށް ކުޅެވޭ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ތަށި 50 ޤައުމަކަށް ގެންދިއުމުގެ ދަތުރު އިއްޔެ އިރުއޮއްސުނުއިރު އިނގިރޭސި ވިލާތުގައި ފަށައިދިނީ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ކުރީގެ ދެ ކުޅުންތެރިންނެވެ. އެއީ 2006 ވަނަ އަހަރު މުބާރާތް ކާމިޔާބު ކުރި އިޓަލީގެ އަންދްރޭ ޕިރްލޯ އާއި 1966 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރި އިނގިރޭސި ގައުމީ ޓީމުގެ ފޯވަޑް ސރ. ޖިއޯފް ހާސްޓްއެވެ.

މި ދެ ކުޅުންތެރިން ފަށައިދިން ޓުއާގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ތަށި ގެންދާނީ މިއަދު ސްރީލަންކާ އަށެވެ. އެއަށްފަހު ތަށި ރާއްޖެ ގެންނާނީ މާދަމާ ހަވީރުއެވެ. މި ތަށްޓާއެކު ރާއްޖެ އަންނާނެ ކުޅުންތެރިއަކީ ހާސްޓްއެވެ. އޭނާއަކީ ވެސްޓް ޖާމަނީ އަތުން އިނގިރޭސިން 4-2އިން މޮޅުވި ފައިނަލް މެޗުގައި ހެޓްރިކް ހެދި ފޯވަޑެވެ.

ރާއްޖޭގައި ތަށި ރަސްމީކޮށް ދައްކާލުން އޮންނާނީ މާދަމާރޭ ރަސްމީ ސްޓޭޑިއަމްގައެވެ. އެރަސްމިއްޔާތަށް ވަނުމުގެ ފުރުޞަތު ޢާއްމުކޮށް ވަނީ ހުޅުވާލާފައެވެ. ސްޓޭޑިއަމްއަށް ވަދެވޭނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަން ދީގެންނެވެ. މީހުން ވައްދަން ފަށާނީ އިރުއޮއްސި ހަތެއް ޖަހާއިރުއެވެ. ޓިކެޓް ލިބޭ ފަރާތްތަކަށް ޓްރޮފީއާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ހެނދުނު 8 ން ހަވީރު 5 އަށް މާފަންނު ޓާފް ދަނޑުގައެވެ.

ދުނިޔޭގެ ތަށި 50 ގައުމަކަށް ގެންދާ ދަތުރަކީ ފީފާގެ އިޖްތިމާއީ ޒިންމާގެ ތެރެއިންނާއި މުބާރާތުގެ ފޯރި ގަދަ ކުރުމަށް ކޮކާކޯލާއާ ގުޅިގެން ކުރިއަށް ގެންދާ މުހިންމު ހަރަކާތެކެވެ.