ޚަބަރު

ރާއްޖެއަށް އެންމެ ގިނައިން އައީ ޔޫރަޕް ފަތުރުވެރިން


2017ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޔޫރަޕްގެ ޤައުމުތަކުންނެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ 2016 ވަނަ އަހަރާ އަޅާ ބަލާއިރު، %8 އިތުރު ޢަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެމްބަރމަހުގެ ރާއްޖެއަށް ވަނީ ރެކޯޑް ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން ޑިސެމްބަރުމަހު ރާއްޖެއަށް ސަތޭކަ ސާޅީން ތިން ހާސް ފަތުރުވެރިން ރާއްޖެއަށް ޒޔާރަތްކޮށްފައިވާއިރު މިއީ 2016ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ސަތޭކަ ނަވާރަ ހާސް ފަތުރުވެރިންނާ އަޅާ ބަލާއިރު %19.7 ޢިތުރު ޢަދަދެކެވެ.

ހުސްވި އަހަރުވެސް އެއް ޤައުމަކުން ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންްނެވެ. އެގޮތުން ހުސްވި އަހަރުތެރޭ ޗައިނާއިން ރާއްޖެއަށް ތިންސަތޭކަ ހަ ހާސް ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އެމެރިކާ، ރަޝިއާ، އިޓަލީ، އިންޑިއާ އިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދުވަނީ ވަރަށް ބޮޑުތަކުން އިތުރުވެފައެވެ. މީގެތެރެއިންވެސް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ، ރަޝިއާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަށެވެ. އެގޮތުން ރަޝިއާއިން ރާއްޖެއަށް ހުސްވި އަހަރު ފަސްދޮޅަސްއެއްހާސް ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ހުސްވި އަހަރާ އަޅާ ބަލާއިރު ތިރީސް ތިނެއް އިންސައްތަ އިތުރު އަދަދެކެވެ.