ކުޅިވަރު

ލިޔޯން އަތުން ޕީއެސްޖީ ބަލިވެއްޖެ


މެންޗެސްޓަރ ޔުނައިޓެޑަށް ކަމުނުގޮސްގެން ވިއްކާލި ނެދަލޭންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިން ލަނޑާއެކު ޕީ.އެސް.ޖީގެ މައްޗަށް ލިޔޯން ކުރި ހޯދައިފިއެވެ.

ފްރާންސް ލީގުގައި ޕެރިސް ސައިންޓް ޖާމަން ބަލިކުރި ދެވަނަ ޓީމުގެ ޝަރަފް ލިޔޯން ހޯދީ 2-1 ން ރޭގެ މެޗުގައި ކުރި ހޯދައިގެންނެވެ.

މިމެޗުގައި ޕީ.އެސް.ޖީގެ ޑިފެންޑަރު ޑެނީ އަލްވޭޒް ރެފްރީގެ ނިންމުމާމެދު ހިތްހަމަ ނުޖެހުން ފާޅުކުރުމުން ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލިއެވެ. މީގެއިތުރުން ޓީމުގެ ޒުވާން ފޯވާޑް ކިލިއަން އެމްބާއްޕޭއަށް އަނިޔާވެ މެޗުގެ ފުރަތަމަ ހާފުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.

މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީވެސް ލިޔޯން އިންނެވެ. މިލަނޑު މެޗުގެ ދެވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން އަދި މިހާރު ފްރާންސް ލީގުގައި ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އެއްކުޅުންތެރިއާ ކަމުގައިވާ ނަބިލް ފެކިރްއެވެ.

މެޗުގައި ޕީ.އެސް.ޖީއަށް ނަތީޖާ ހަމަ ހަމަކޮށްދިނީ އަލްވޭޒް ނަގައިދިން ހުރަހަކުން ޓީމުގެ ވާތްފަޅިން ފަހަތަށް ކުޅޭ ލޭވިން ކުރްޒާވާއެވެ.

ޕީ.އެސް.ޖީ ބަލިކޮށް، ލިޔޯންއަށް ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު މެޗުގެ އިތުރުވަގުތުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑިޕާއި ކާމިޔާބުކޮށްދިނީ ޕެނަލްޓީ އޭރިއާ ބޭރުން ކުރިއަށް ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މިމެޗުން ބަލިވުމުން ލީގުގެ އެންމެ ކުރިން ޕީ.އެސް.ޖީ ހޯދާފައިވާ ލީޑް ވަނީ އަށް ޕޮއިންޓަށް ކުޑަވެފައެވެ.

ޕެރިސް ސައިންޓް ޖާމައިންގެ ފަހަތުން ލިޔޯން އޮތީ ލީގު ތާވަލްގެ ދެވަނާގައެވެ.