ޚަބަރު

"އިޤްރައު އިންޓަރނޭޝަނަލް ޕްރިސްކޫލް"ގެ ކަރިކިއުލަމް 6 ސްކޫލަކަށް


އެޑިއުކޭޝަން ފްރެންޗައިންސް ބްރޭންޑެއްކަމަށްވާ "އިޤްރައު އިންޓަރނޭޝަނަލް ޕްރިސްކޫލް"ގެ ކަރިކިއުލަމާ އެއްގޮތަށް ޕްރީސްކޫލް ތަޢުލީމީ އޮނިގަނޑު ބައްޓަން ކުރުމަށް އައިލެންޑަރސް އެޑިއުކޭޝަނުން 6 ސްކޫލަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

މި ހަ ސްކޫލްގެ ތެރޭގައި ހިމެނެނީ ޅ.ނައިފަރާއި، ނ.މަނަދޫއާއި، އދ. ދަނގެއްޗާއި، ބ.ދަރަވަންދުއާއި، ރ.ހުޅުދުއްފާރާއި، ގއ.ވިލިނގިލިއެވެ. 

އައިލެންޑަރސް އެޑިއުކޭޝަންއަށް ދިހައަހަރު ފުރުން ފާހަގަކުރަމުން އަންނައިރު އެ ސްކޫލަކީ މާލޭގައި ފުރަތަމަފަހަރަށް އިންޓަރނޭޝަނަލް ސްކޫލެއް ހުޅުވި ކުންފުންޏެވެ. އެ ކުންފުނިންގެންދަނީ ބިލަބޮންގް ހައިއާއި، ކެންގަރޫ ކިޑްސްގެ އިތުރުން އަމީރު އަޙްމަދު  ޕްރީ ސްކޫލްގެ ހިންގުން ކުރިއަށްގެންދަމުންނެވެ. 

އިޤްރައު އިންޓަރނޭޝަނަލް ޕްރީސްކޫލްތަކާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައިލެންޑަރސް އެޑިއުކޭޝަންގެ ޑިރެކްޓަރ އަޙްމަދު ޢަދްލީ ރަޝީދް ވިދާޅުވީ ޕަބްލިކް ސެކްޓަރއެކޭ އެއްފަދައިން ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމާއިމެދު އިތުރު އިސްކަމެއްދޭންޖެހޭކަމަށެވެ. އެގޮތުން އައިލެންޑަރސް އެޑިއުކޭޝަން ކުރަމުންދާ މަސައްކަތްތަކަކީ މުޖުތަމަޢުގެ އެންމެހާ ފަރާތްތަކަށް ހަމަހަމަކަމާއިއެކު އަގުހެޔޮކޮށް ކޮލިޓީ ރަނގަޅު ތަޢުލީމެއް ލިބުމުގެ މަގު ފަހިކޮށްދިނުންކަމަށެވެ. ޢަދްލީވަނީ މިދާއިރާ ކުރިއެރުވުމުގެއި ދިމާވާ މާލީ ދަތިތަކާއި، އެކަން ހައްލުކުރުމަށް ވިޔަފާރިތަކުގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކޮށްފައެވެ. 

އައިލެންޑަރސް އެޑިއުކޭޝަންގެ ހެޑް އޮފް ސީއެސްއާރް ހައްވާ ޝިއުނާ ވިދާޅުވީ "އިޤްރައު އިންޓަރނޭޝަނަލް ޕްރީސްކޫލް" ބްރޭންޑަކީ ދީނީ ކަންކަމަށް ކުދިން އަހުލިވެރިކުރުވާއި، ދީނީކަންކަމާއި ގުޅޭގޮތުން ކުދިން އުފައްދާ އެކިއެކި ސުވާލުތަކަށް ޖަވާބުދެވޭ ފެންވަރަށް ތަރައްޤީކޮށްގެން ކިޔަވައިދޭ ކަރިކިއުލަމަކަށްވެގެން ދާނެކަމަށެވެ. 

"އިޤްރައު އިންޓަރނޭޝަނަލް ޕްރީސްކޫލް" ބްރޭންޑަކީ އައިލެންޑަރސް އެޑިއުކޭޝަންގެފަރާތުން ހިލޭ ފޯރުކޮށްދޭ ބްރޭންޑެކެވެ. އައިލެންޑަރސް އެޑިއުކޭޝަންގެ ސީއެސްއާރްގެދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ސަބަބުން ރަށުގައި ތިބެގެން އިންޓަރނޭޝަނަލް ފެންވަރުގެ ތަޢުލީމު އަގުހެޔޮކޮށް ލިބުމުގެ މަގުފަހިވެގެންދާނެއެވެ. ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރަންމުންދާ މަސައްކަތުގެދަށުން އެކުންފުނިންވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުން ދެހާހަށްވުރެ ގިނަ ޓީޗަރުންނަށް އެކިކަހަލަ ތަމްރީން ޕްރޮގްރާމްތަކެއްވެސް ހިންގާފައެވެ.