ދުނިޔެ

ޑިމޮކްރަޓުންނާ މަޝްވަރާކުރެވޭނީ ބަޖެޓު ފާސްކުރުމުން- ޓްރަމްޕް


އެމެރިކާ ސަރުކާރުގެ ބަޖެޓް ފާސްނުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާ ވާހަކަ ދެއްކޭނީ ހުއްޓިފައިވާ އެމެރިކާ ސަރުކާރުގެ މުއައްސަސާތައް އަލުން ހުޅުވުމަށް ބޭނުންވާ ވަގުތީ ފައިސާ ފޯރުކޮށްދިނުމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވިއިރު ސެނެޓްގެ ބައެއް މެންބަރުން ވިދާޅުވީ ބަޖެޓް ފާސްކުރުމުގެ ވޯޓު ލަސްވި ނަމަވެސް އަންނަ ފެބްރުއަރީ މަހުގެ ސޯޅަވަނަ ދުވަހާ ހަމައަށް އެމެރިކާގެ ސަރުކާރު ހިންގުމަށް ބޭނުންވާ ވަގުތީ ފައިސާ ދޫކުރުމާބެހޭގޮތުން ވޯޓެއް ނެގުމަށް މަސައްކަތް ކުރަމުންގެންދާކަމަށެވެ.

މި ވޯޓު ކާމިޔާބުވެއްޖެނަމަ އެމެރިކާގެ ސަރުކާރު އަލުން ހުޅުވައި، ސަރުކާރު ހުއްޓުމަކަށް އައުމުން ލިބެމުންދާ ގެއްލުންތަކުން އެމެރިކާގެ ދަޢުލަތް ސަލާމަތް ކުރިވިގެންދާނެއެވެ.

އެމެރިކާ ސަރުކާރުގެ ބަޖެޓް ފާސްނުވުމުގެ މައްސަލައިގައި ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވެފައިވަނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށެވެ.

ނަމަވެސް ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން މިކަމުގެ އިލްޒާމު އަޅުވަނީ ޓްރަމްޕް ސަރުކާރާއި ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ އިސްތަށިފުޅުގައެވެ.

ބަޖެޓް ފާސްނުވުމުގެ ސަބަބުން އެމެރިކާގެ ސަރުކާރު ހުއްޓިފައި އޮތްނަމަވެސް ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ދެމުންގެންދާނެއެވެ.