ޚަބަރު

ޤައުމީ ޔުނިވަރސިޓީގެ އޮރިއެންޓޭޝަން ޕްރޮގްރާމް ފަށައިފި


ޤައުމީ ޔުނިވަރސިޓީގެ މިއަހަރު ފުރަތަމަ ސެމިސްޓާގައި ބައިވެރިވާ ދަރިވަރުންނަށް ޔުނިވަރސިޓީގެ ކިޔެވުމާއި ވަސީލަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވައިފިއެވެ. އޮރިއެންޓޭޝަން ޕްރޮގްރާމް ފަށްޓަވައިދެއްވީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.އަލީ ފަވާޒް ޝަރީފެވެ. މިއަހަރުގެ އޮރިއެންޓޭޝަން ޕްރޮގްރާމްގައި ތިންސަތޭކަ ފަންސާސް ދަރިވަރުން ބައިވެރިވިއެވެ. މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު ދީފައިވަނީ ކިޔެވުން ފެށުމުގެ ކުރިން ދަރިވަރުން ކުރަންޖެހޭ ކަންތައްތަކާއި ކިޔެވުން ފެށުމަށްފަހު ކަންތައްކުރަންވީ ގޮތުގެ މައްޗަށެވެ. މީގެއިތުރުން، ކިޔެވުން ފެށުމަށްފަހު ސަމާލުކަންދޭންވީ މުހިންމު ކަންތައްތަކާއި ޤައުމީ ޔުނިވަރސިޓީން ދަރިވަރުންނަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުވެސް ޙިއްސާކޮށްފައިވާކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

ޤައުމީ ޔުނިވަރސިޓީން ކުރިއަށްގެންދާ އެކިއެކި ކޯސްތަކުގައި ގާތްގަނޑަކަށް 3000 ދަރިވަރުން މިއަހަރު މުޅިން އަލަށް ބައިވެރިވެފައިވާކަމަށް އެޔުނިވަރސިޓީން ބުނެއެވެ. މި ދަރިވަރުންގެ ތެރެއިން މާލޭގައި ކިޔަވާ ކުދިންނަށް މަޢުލޫމާތު ދިނުމަށް އޮރިއެންޓޭޝަން ޕްރޮގްރާމް ފެށިއިރު، އަތޮޅުތަކުގެ ކެމްޕަސްތަކުގައި ފަށާ ކޯސްތަކުގައި ބައިވެރިވި ދަރިވަރުންނަށް ބާއްވާ އޮރިއެންޓޭޝަން ޕްރޮގްރާމް މި ހަފްތާގައި ކުރިއަށްދާނެކަމަށް ޤައުމީ ޔުނިވރަސިޓީން ބުނެއެވެ.

ޤައުމީ ޔުނިވަރސިޓީގެ މިއަހަރު ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ.