ސިއްހަތު

ނައިފަރު އައު ހޮސްޕިޓަލް މާރޗްމަހު ހުޅުވާ ހިދުމަތްދޭން ފަށަނީ


ޅ ނައިފަރުގައި އަލަށް އިމާރާތްކުރި ހޮސްޕިޓަލް އަންނަ މާރޗުމަހު ހުޅުވާ ޚިދުމަތްދޭން ފަށާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އައު ހޮސްޕިޓަލުގައި ޚިދުމަތްދޭން ފަށާއިރު މީގެކުރިން ނުލިބޭ ބައެއް ހިދުމަތްތައްވެސް ލިބެން ހުންނާނެކަމަށް ނައިފަރު ހޮސްޕިޓަލުން ބުނެއެވެ.

ޅ އަތޮޅުގެ ވެރިކަންކުރާ ނައިފަރުގައި ޤާއިމްކޮށްފައިވާ ހޮސްޕިޓަލުގެ ޚިދުމަތް ހޯދުމަށް  އަތޮޅުގެ އެހެން ރަށްތަކުންވެސް ގިނަ އަދަދަކަށް މީހުން އާދެއެވެ. ނައިފަރު ހޮސްޕިޓަލުން ގިނަ އަދަދެއްގެ ބަޔަކު ފަރުވާ ހޯދުމަށް އަންނައިރު އެ ހޮސްޕިޓަލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތަނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމެވެ. ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން ސަރުކާރުންވަނީ ނައިފަރުގައި ހޮސްޕިޓަލްގެ އައު އިމާރާތެއް ހަދާފައެވެ. ދައުލަތުގެ ބަޖެޓުން 50 މިލިއަނަށްވުރެ ފިނަ ރުފިޔާ ހޭދަކޮށްގެން 6 ފަންގިފިލާއަށް އިމާރާތްކުރި މި ތަނުގައި އެންމެފަހު ޒަމާނީ ވަސީލަތްވަނީ ޤާއިމުކޮށްފައެވެ. 

img:http://s4.psmnews.mv/images/660x400/15165914141736.jpg|ޅ ނައިފަރުގައި އަލަށް އިމާރާތްކުރި ހޮސްޕިޓަލް

އެލިއާ އިންވެސްޓްމެންޓާ ހަވާލުކޮށްގެން ޢިމާރާތްކުރި ހޮސްޕިޓަލުގެ ހުރިހާ މަސައްކަތެއް ނިންމާ މިދިޔަ މަހު ވަނީ ސަރުކާރާއި ހަވާލުކޮށްފައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ނައިފަރު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސަރވިސް އަޙްމަދު ސާޖިދު ވިދާޅުވީ ހޮސްޕިޓަލުގެ ހުރިހާ މަސައްކަތްތައް ނިންމާ މާރޗް މަހު ޚިދުމަތްދޭން ފަށާނެކަމަށެވެ. އަދި އައު އިމާރާތުގައި ޚިދުމަތް ދޭން ފަށާއިރު މުޅިން އައު ޚިދުމަތެއްވެސް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ސާޖިދު ވިދާޅުވިއެވެ. އެގޮތުން އަލަށް ފަށާ ހިދުމަތެއްގެ ގޮތުގައި ޑެންޓަލް ޚިދުމަތް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށްވެސް ސާޖިދު ވިދާޅުވިއެވެ.

"ނައިފަރުގަ މިހާރު ބޭނުންކުރަނީ އޯޕީޑީ 4 ރޫމް، ސްޕެޝަލިސްޓް ޑޮކްޓަރުންނާއި އިތުރު ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ބޭނުންވާނަމަ އެޖާގަ އެބަ ބޭނުންވޭ. ކޮންސަލްޓޭޝަން ޚިދުމަތް ނެތުމާއި އާ ޚިދުމަތް ދިނުމަށް ބަލާއިރު މިސާލަކަށް ޑެންޓަލް ޚިދުމަތްދޭން ބަލާނަމަ އެކަމަށް ބޭނުންވާ އިކުއިޕްމަންޓްސް ބަހައްޓާނެ ޖާގަވެސް ނެތް. ސަރުކާރުން އަލަށް މިއަޅާ ޢިމާރާތް ފަރުމާކޮށްފައިވަނީ މިހުރިހާ ޚިދުމަތްތައް ދެވޭނެފަދަ ގޮތަކަށް." ނައިފަރު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސަރވިސް އަޙްމަދު ސާޖިދު ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/15165914451079.jpg|ޅ ނައިފަރުގައި އަލަށް އިމާރާތްކުރި ހޮސްޕިޓަލް

ނައިފަރު ހޮސްޕިޓަލުގެ އާ ޢިމާރާތް ބޭނުންކުރަން ފެށިނަމަވެސް ކުރީގެ ޢިމާރާތްވެސް އެކި ކަންކަމުގައި ބޭނުންކުރާނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އެގޮތުން ހޮސްޕިޓަލްގެ އެޑްމިނިސްޓްރޭޝަން ބަޔާއި ޕަބްލިކް ހެލްތް ސަރވިސް ޔުނިޓް ގެ ޚިދުމަތް ދެމުންގެންދާނީ ބާ ޢިމާރާތުގައިކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. ނައިފަރު ހޮސްޕިޓަލުން ދުވާލަކު ސަތޭކަ ވިއްސަކަށް މީހުން ފަރުވާ ހޯދައެވެ. އައު އިމާރާތުން ހިދުމަތް ދޭން ފެށުމުން މި އަދަދު އިތުރުވާނެކަމަށް ނައިފަރު ހޮސްޕިޓަލުން ލަފާކުރެއެވެ.