ކުޅިވަރު

ސިޓީގެ އަމާޒަކީ ރެކޯޑް އަދަދަކަށް ޕޮއިންޓް ހޯދުން!


ޕްރެމިއަރ ލީގުގައި މިހާތަނަށް އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ޗެމްޕިއަންކަން ހޯދާ ޓީމަކަށް މެންޗެސްޓާ ސިޓީ އަށް ވެވިދާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އާޖެންޓީނާގެ ފޯވަޑް ސާޖިއޯ އަގުއެރޯގެ ހެޓްރިކާއެކު ނިއުކާސަލް 3-1އިން ބަލިކުރުމަށްފަހު ގާޑިއޯލާ ބުނީ ރެކޯޑް އަދަދަކަށް ޕޮއިންޓް ހޯދަން އަދި 10 މެޗަކުން މޮޅުވާން ޖެހޭ ކަމަށެވެ. ޕްރެމިއަރ ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ ދެން އޮތީ އެންމެ 14 މެޗެވެ.

މިހާތަނަށް އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ޗެމްޕިއަންކަން ހޯދި ޓީމަކީ ޗެލްސީއެވެ. އެ ޓީމުން މިދިޔަ އަހަރުގެ ލީގުގެ ޗެމްޕިއަންކަން ހޯދީ 95 ޕޮއިންޓް ހޯދައިގެންނެވެ.

ގާޑިއޯލާ ބުނީ ހުސްވި ހަފުތާގައި ލިވަޕޫލް އަތުން ބަލިވުމަށްފަހު ނިއުކާސަލް އަތުން ހޯދުނީ މުހިންމު ތިން ޕޮއިންޓް ކަމަށެވެ. ހާއްސަކޮށް ނިއުކާސަލްގެ ހުރިހާ ކުޅުންތެރިން ބޯޅަ ފަހަތުގައި ތިބި މެޗަކަށް ބަލާއިރު އޭނާގެ ޓީމުން ދެއްކި ކުޅުމަށް ތައުރީފް ހައްޤު ކަމަށެވެ.

މި މޮޅާއެކު ސިޓީ އެއްވަނާގައިވަނީ 65 ޕޮއިންޓާއެކުއެވެ. ނިއުކާސަލް އޮތީ 23 ޕޮއިންޓާއެކު 15 ވަނާގައެވެ. އެ ޓީމުގެ ކޯޗު ރަފާ ބެނީޓޭޒް ބުނީ އާ ކުޅުންތެރިން ގެނެސްގެންނޫނީ ޓީމަށް ކުރިއެރުމެއްނެތް ކަމަށެވެ. ޕްރެމިއަރ ލީގުގެ ހުރިހާ ޓީމަކުން ވެސް އަންނަނީ ޓީމު ވަރުގަދަ ކުރަމުން ކަމަށާއި، މިހެންވެ ނިއުކާސަލް އިން އާ ކުޅުންތެރިން ގެންނާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.