ކުޅިވަރު

ނައިޖީރިޔާގެ ފޯވާޑް ނުލާ ޓީސީ ފުރައިފި


ޓީމާ އަލަށް ގުޅުނު ނައިޖީރިޔާގެ ފޯވާޑް ނުލާ، އޭއެފްސީކަޕް ޕްރިލިމިނަރީ ބުރުގައި ބަނގްލަދޭޝްގެ ސައިފް ސްޕޯރޓްސް ކްލަބާ ވާދަކުރަން ރާއްޖޭގެ ޓީސީ ބަނގްލަދޭޝްއަށް ފުރައިފިއެވެ.

ކޯޗު މުޙައްމަދު ނިޒާމް ބުނީ ނައިޖީރިޔާގެ ފޯވާޑްގެ ކުޑަކަމެއް އުޅޭކަމަށާއި، އެހެންކަމުން އޭނާ ޓީމާއެކު ދަތުރު ނުކުރާނެކަމަށެވެ. ނަމަވެސް އަލަށް ޓީމާ ގުޅުނު ކީޕަރާއި، މިޑްފީލްޑަރުވެސް ވަރަށް އަވަހަށް ޓީމަށް ހޭނެމުންދާކަމަށެވެ. ޚާއްޞަކޮށް މިޑްފީލްޑަރ ކިރްގިސްތާންގެ ޤައުމީޓީމްގެ އެނަޓޯލީ ވްލާސިޗޭވް ޓީސީގެ ގޭމަށް ވަރަށް ބޮޑަށް ހޭނިފައިވާކަމަށެވެ. މިޑްފީލްޑަރަކީ ޓީސީގެ ވައްޓަފާޅިއަށް ކުޅޭ ކުޅުންތެރިއެއްކަންވެސް ނިޒާމް ފާހަގަކުރިއެވެ. މީގެއިތުރުން ޓީމްގައި ހުރީ މިދިޔަ އަހަރުވެސް ކުޅުނު ޑިފެންޑަރެވެ. 

މެޗަށްފުރިއިރު ކޯޗު މުޙައްމަދު ނިޒާމްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މުޙިއްމު ކުޅުންތެރިޔާ މުޙައްމަދު އައްޒާމަށް އަނިޔާވުމެވެ. މާލޭގައި ކުރި އެންމެ ފަހު ޕްރެކްޓިސްގައި އައްޒާމަށް އަނިޔާވި ނަމަވެސް ޓީމް ފުރީ އައްޒާމް ގޮވައިގެންނެވެ.

" އައްޒާމަށް ކުޅެވޭނެކަން ޔަޤީނެއްނޫން. އެކޮޅަށް ގޮއްސަ އިނގޭނީ. އޭނާ ގޮވައިގެން މިދަނީ. އިރާދަކުރެއްވިއްޔާ ޓީސީގެ އަމާޒަކީ މޮޅުވުން." ފުރުމުގެ ކުރިން ނިޒާމް ބުންޏެވެ. 

ބަނގްލަދޭޝްގެ ސައިފް ސްޕޯރޓްސް ކްލަބާ ދެކޮޅަށް ޓީސީ ނިކުންނާނީ އަންނަ އަންގާރަ ދުވަހު ރާއްޖެ ގަޑިން މެންދުރު 2 ޖަހާއިރުއެވެ.