ޚަބަރު

ޒިގްޒެގް ސްޓޭޑިއަމްގެ ބިންގަނޑު އެއްވަރު ކުރުން


ކުޅުދުއްފުށީ ޒިގްޒެގް ސްޓޭޑިއަމްގެ ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ ކުޅުދުއްފުށީ ޒުވާނުންގެ ދެންނެވުމަކަށް، ރައީސުލްޖުމްހުރިއްޔާގެ އަނބިކަބަލުން ފާޠިމަތު އިބްރާހީމްގެ އިސްނެންގެވުމަށް ފަށްޓަވާފައިވާ މަސައްކަތެެކެވެ.

"އެންމެ ގާތުން" ކެމްޕެއިންގެ ދަށުން ރައީސުލްޖުމްހުރިއްޔާގެ އަނބިކަބަލުން ހދ.ކުޅުދުފުއްޓަށް ޒިޔާރަތްކުރައްވައި އެރަށުގެ ގިނަ ޢަދަދެއްގެ މީހުންނާ ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން އެރަށުގެ ޒުވާނުންނާއި ބައްދަލުކުރައްވައި އެކިދާއިރާތަކުން އެމީހުންނަށް ކުރިމަތިވެފައިވާ ދަތިތައް އެކަމަނާވަނީ އޮޅުންފިލުއްވާފައެވެ. އެގޮތުން އެރަށު ޒުވާނުން ދެންނެވި ކަންތައްތަކުގެ ތެރޭގައި ޒިގްޒެގް ސްޓޭޑިއަމްގެ ބިންގަނޑު އެއްވަރު ނުވުމުން އެ ސްޓޭޑިއަމްގެ ބޭނުން އެންމެ ރަގަޅު ގޮތުގައި ނުހިފޭކަން ވަނީ ފާހަގަކޮށްފައެވެ.

ސްޓޭޑިއަމްގެ ބިންގަނޑު އެއްވަރު ކުރުމުން ކުޅުދުއްފުށީގެ ޒުވާނުން ތިބީ ވަރަށް ހިތްހަމަޖެހިފައެވެ.

އެންމެ ގާތުން ކެމްޕެއިންގެ ދަށުން ރައީސުލްޖުމްހުރިއްޔާގެ އަނބިކަބަލުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެގެ އިތުރު ރަށްރަށަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޙާލު ބައްލަވާނެ ކަމަށް މި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ މުޙައްމަދު ލަމްޢާން ވިދާޅުވިއެވެ.

އެންމެ ގާތުން ކެމްޕެއިންގެ ދަށުން ރައީސްގެ އަނބިކަބަލުން ވަނީ ހދ. އަތޮޅު ކުޅުދުއްފުއްޓާއި ނޮޅިވަރަމާއި ނޮޅިވަރަންފަރަށް ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުތަކުގައި އެކަމަނާވަނީ އެރަށްރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކާ ބައްދަލުކުރައްވައި އެމީހުންގެ ހާލުބައްލަވައި ދަތިތައް އޮޅުންފިލުއްވާފައެވެ. މީގެއިތުރުން މިރަށްރަށުގެ އިސްރަށްވެހިންނާއި، ޒުވާނުންނާއި، މުއައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުންނާ ރައީސްގެ އަނބިކަނަބަލުންވަނީ ބައްދަލުކުރައްވައި، މަޝްވަރާކުރައްވާފައެވެ.