ޚަބަރު

މިލިއަނަކަށްވުރެ ދަށް މުޢާމަލާތް ޖީއެސްޓީ ރަޖިސްޓްރީކުރަން ނުޖެހޭ


ސަރުކާރުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ކުރިއަށްގެންދާ މުއާމަލާތްތަކުގެ އަގު އެއްމިލިއަނަށް ނާރާނަމަ ޖީއެސްޓީއަށް ރަޖިސްޓްރީ ކުރަން ނުޖެހޭނެކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އެތޯރިޓީން ބުނެފިއެވެ. 

މީރާއިން ނެރިފައިވާ ސާރކިއުލާއެއްގައި ބުނެފައިވަނީ މުދަލެއް ނުވަތަ ޚިދުމަތެއް ހޯއްދެވުމަށް 1 މި ލިއަން ރުފިޔާއަށްވުރެ މަތީ އަގުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާއިރު، އެ ފަރާތަކީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްކަން ކަށަވަރުކުރުމަށް އެއޮތޯރިޓީން އަންގާފައިވާނެކަމަށެވެ. އެހެންނަމަވެސް، ބައެއް އިދާރާތަކުން މަސައްކަތްކުރުމަށް އަންދާސީ ހިސާބު ހޯދާއިރު، އެފަދަ މަސައްކަތެއްގެ އަގު 1 މިލިއަން ރުފިޔާއަށްވުރެ އިތުރު ނުވިނަމަވެސް، އަންދާސީ ހިސާބު ހުށަހަޅާ ފަރާތް ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް އަންގަމުން ދާކަމަށް އެ އޮތޯރިޓީއަށް މައުލޫމާތު ލިބެމުންދާކަމަށް މި ސާރކިއުލާގައި ބުނެފައިވެއެވެ. މީރާއިން ބުނީ މުދަލެއް ނުވަތަ ޚިދުމަތެއް ހޯއްދަވާއިރު، އެ މުދަލެއް ނުވަތަ ޚިދުމަތެއްގެ އަގަކީ 1 މިލިއަން ރުފިޔާއަށްވުރެ ދަށުގެ އަގެއް ކަމުގައިވެފައި، އެ މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުވައިދެނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގައިވާ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރުން ލާޒިމުވާ ޝަރުތު ހަމަ ނުވާ ފަރާތަކުން ކަމުގައިވާނަމަ، އެ ފަރާތް ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރުމަކީ ލާޒިމުކަމެއް ނޫން ކަމުގައެވެ.