މުނިފޫހިފިލުވުން

ވަކިން ލޯބިން ފިލްމުގެ ފުރަތަމަ ލަވަ "ޕަރީ" ރިލީސްކޮށްފި


ޑާރކް ރެއިން އެންޓަރޓައިންމަންޓްގެ މި އަހަރުގެ ފުރަތަމަ ފިލްމް " ވަކިން ލޯބިން" ގެ ފުރަތަމަ ލަވަ "ޕަރީ" ބެލުންތެރިންނާ ހަމައަށް ރިލީސްކޮށްފިއެވެ. 

ޕަރީ ލަވަ ކިޔާފައިވަނީ ޒުވާނުންގެ މެދުގައި މަޤްބޫލުކަމެއް ހޯދާފައިވާ އިކުއޭޓިކް ވައިބްގެ ލީޑް ވޯކަލިސްޓް ޝަމްއޫން މުހައްމަދެވެ.

އަލީ ޝިފާޢު ޑައިރެކްޓް ކުރާ މި ފިލްމް ވެގެންދާނީ އެހެން ފިލްމްތަކާއި ތަފާތު ފިލްމެއްކަމަށް ޑާރކްރެއިން އެންޓަރޓައިންމަންޓުން ބުނެއެވެ. މި ފިލްމް ބިނާކޮށްފައިވަނީ ފެމިލީ ޑްރާމާ އަށް ބޭސްކޮށްފައިކަމަށާއި އެގޮތުން މި ފިލްމުން ސިންގަލް ޕޭރެންޓިންއާއި، އާއިލާގެ ތެރޭގައި ދިމާވާ އެކިކަހަލަ ކަންތައްތައް ފެނިގެންދާނެކަމަށެވެ. އަދި މި ފިލްމް ކޮންމެ މީހަކާވެސް ކޮންމެވެސް ގޮތަކަށް ރިލޭޓްވާނެކަމަށް ޑާރކް ރެއިނުން ބުނެއެވެ. 

ޑާރކް ރެއިނުން ބުނީ ވަކިން ލޯބިން ފިލްމް ބެލުންތެރިންނާހަމައަށް މާރޗް މަހުގެ ފަސްވަނަ ދުވަހު އޮލިމްޕަހުގެ ސްކްރީނަށް އަންނާނެކަމަށެވެ. އަދި މި ފިލްމްގެ ޓިކެޓް މި ފެށޭ ފެބްރުއަރީ މަހުގެ ފަހަކުން ފެށިގެން އޮލިމްޕަހުން ލިބެންހުންނާނެކަމަށެވެ. އަދި މިހާރުން ފެށިގެން އޮންލައިންކޮށް ވާށޭމަށާއެކީގެ ފޭސްބުކް ޕޭޖުން ޓިކެޓް ބުކްކުރެވޭނެކަމަށާއި އެތަނުގެ ހޮޓްލައިން އާ ގުޅައިގެންވެސް ޓިކެޓް ބުކްކުރެވޭނެކަމަށެވެެ.

ވަކިން ލޯބިންގެ ލީޑް ތަރިންގެ ގޮތުގައި ފެންނާނީ ޖުމައްޔިލް ނިމާލް އަދި މަރިޔަމް މަޖުދާއެވެ. މި ދެ ބައިވެރިންގެ އިތުރުން ހަދީޖާ އިބްރާހިމް، ނުޒުހަތު ޝުއައިބު، އާދަމް ރިޒްވީ، އަހުމަދު ސުނީގެ އިތުރުން ޕީއެސްއެމުން ކުރިއަށްގެންދިޔަ މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ވިދާލި އިބްރާހިމް އަމަން ވެސް މި ފިލްމުން ފެނިގެންދާނެކަމަށް ޑާރކްރެއިނުން ބުނެއެވެ. 

ފިލްމުގައި އަމިއްލަ ރާގުގެ ލަވަތައް ހިމެނޭއިރު މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ރަނަރަޕް ހަމޫދުގެ އަޑުން ކިޔާފައިވާ ހިތުގަ ނަށާ ރާނީ ގެ އިތުރުން ސްކޯޒް އޮފް ފްލެއާގެލޯބިން އަދި ރަންކޮކާލާ ވެސް މި ފިލްމުގެ ލަވައިގެ ގޮތުގައި ހިމެނިގެންދާނެކަމަށް ޑާރކްރެއިނުން ބުނެއެވެ.