ދުނިޔެ

ޔުކްރޭންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ރައްޔިތުންނަށް ވަރުގަދަ އިންޒާރެ
 


ޔުކްރޭންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ސަރަހައްދުތަކުގެ ރައްޔިތުންނަށް އެގައުމުގެ ވަގުތީ ރައީސް އޮލިގްޒެންޑަރ ތުރްޗިނޯވް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.


 
ޔުކްރޭންގެ ދައުލަތުން ވަކިވެ ރަޝިޔާއާ ގުޅުމާބެހޭގޮތުން ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް މިއަދު ނެގުމަށް ހަމަޖެހިފައިވާ އެގައުމުގެ ދެ ސަރަހައްދު ކަމަށްވާ ދޮނިތްސިކް އާއި ލޮހާންސްކް ގެ ރައްޔިތުންނަށް އިންޒާރު ދެއްވަމުން ތުރްޗިނޯވް ވިދާޅުވީ ޔުކްރޭންގެ ކިބައިން މިނިވަންވެ ރަޝިޔާއާ ގުޅެން ފެންނަކަމަށް ވޯޓު ދީފިނަމަ އެދެސަރަހައްދުގެ ރައްޔިތުން ބޮޑު މުސީބާތަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ.


 
ތުރްޗިނޯވް ވިދާޅުވީ ދޮނިތްސިކް އާއި ލޮހާންސްކް ގެ ރައްޔިތުންގެ ގިނަ ބަޔަކު، ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ޕްރޮޕަގެންޑާގައި ޖެހިފައިވާ ކަމަށާ އެއީ ވަރަށްބޮޑު މައްސަލައެއް ކަމަށެވެ. އަދި ޔުކްރޭންގެ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކަކީ ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށްވެސް އެގައުމުގެ ވަގުތީ ރައީސް އޮލިގްޒެންޑަރ ތުރްޗިނޯވް ސިފަކުރެއްވިއެވެ.


 
 


ޔުކްރޭންގައި ހަރަކާތްތެރިވާ  ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުންވަނީ ތުރްޗިނޯވް އާއި އޭނާގެ ސަރުކާރުގެ އިސްވެރިންނަކީ ޔުކްރޭންގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ފޭސިސްޓް ބައެއް ކަމަށް ސިފަކޮށްފައެވެ.