ޚަބަރު

ރައީސްގެ އަނބިކަނބަލުން ނޮޅިވަރަންފަރާއި ނޮޅިވަރަމަށް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް މިހާރު ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެއަތޮޅު ނޮޅިވަރަމާއި ނޮޅިވަރަންފަރަށް ވަޑައިގެންފި މި ދެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ. 

ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ފައްޓަވާފައިވާ 'އެންމެ ގާތުން' ކެމްޕެއިންގެ ދަށުން ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މެންދުރު ވަޑައިގަތީ ނޮޅިވަރަމަށެވެ. އެރަށަށް އެކަމަނާ ވަޑައިގަތުމުން އެރަށު ރައްޔިތުންވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. އެގޮތުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ރަށުގެ ބަނދަރު ސަރަހައްދަށް އެއްވެ ރައީސްގެ އަނބިކަނަބަލުންނާއި ސަލާމްކުރައްވާ ހެޔޮއެދުންތައް އަރިސްކޮށްފައެވެ. މީގެ ތެރޭގައި ސްކޫލް ދަރިވަރުންނާއި ރަށުގެ އަންހެން ބޭފުޅުންނާއި ޒުވާނުން ހިިމެނެއެވެ.

ރައީސްގެ އަނބިކަނބަލުން ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި އެރަށުގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ރަށުގެ އިސްވެރީންނާއި މުޢައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރަައްވާ އެފަރާތްތަކަށް ދިމާވާ މައްސަލަތަކާއި ގޮންޖެހުންތައް އޮޅުއްފިލުއްވެވިއެވެ. އަދި ސަރުކާރުން ރަށުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކާއި ރައްޔިތުންނަށް އިތުރަށް ބޭނުންވާ ކަންކަމާއިބެހޭ ގޮތުން ވަކިވަކިން ބޭފުޅުންނާއި ބައްދަލުކުރައްވާ މަޝްވަރާކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/15163685785082.JPG|ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހދ. ނޮޅިވަރަމަށް ވަޑައިގަތުން - ފޮޓޯ: ރިޝްވާން

ނޮޅިވަރަމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެން ވަޑައިގަތީ ނޮޅިވަރަންފަރަށް. ނޮޅިވަރަންފަރުންވެސް އެކަމަނާއަށް ވަނީ ވަރަށް ހޫނު މަރުޚަބާ އެއް ދަންނަވާފައެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުން ނޮޅިވަރަންފަރު ބަނދަރު ސަރަހައްދަށް އެއްވެ އެކަމަނާއާ ސަލާމްކުރައްވާ އުފާވެރިކަމުގެ ޝުޢޫރުތައް ފާޅުކުރެއްވިއެވެ. ނޮޅިވަރަންފަރަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ރަށުގެ އިސްވެރިންނާއި ޒުވާނުންނާއި މުޢައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށް ކުރައްވާ މިދަތުރުފުޅަކީ އެކަމަނާ ފައްޓަވާފައިވާ އެންމެ ގާތުން ކެމްޕެއިންގެ ދަށުން ރަށްރަށްުގެ ރައްޔިތުންގެ ހާލު ބައްލަވާ އެބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ އަނބިކަނބަލުން ތިލަދުންމަތީ ދެކުނުބުރިއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ހދ. ނޮޅިވަރަމާއި ހދ. ނޮޅިވަރަންފަރުގެ އިތުރުން ކުޅުދުއްފުއްޓަށް ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އަތޮޅުތަކަށް ކުރައްވާ މިދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.