ޚަބަރު

ބަނގުރާގެ މައްސަލައިގައި 5 ރިސޯޓެއް ބަލައި ފާސްކުރުން


ބޮންޑެޑް ވެއަރހައުސްއިން ރޯޔަލް އައިލެންޑް ރިސޯޓްގެ ނަމުގައި ދޫކުރި ބަނގުރާ، ޤަވާޢިދާ ޚިލާފާ ހަރަތު ރިސޯޓަކަށް ގެންގޮސްފައިވާކަމަށް ލިބުނު މަޢުލޫމާތާގުޅިގެން، 5 ރިސޯޓެއް ކަސްމަޓްސްއިން ބަލާ ފާސްކޮށްފިއެވެ.

ކަސްޓަމުން މިހާތަނަށް ބެލި ބެލުމުން 4 ރިސޯޓުން ގަވައިދާއި ޚިލާފަށް ގިނަ ޢަދަދަކަށް ބަނދުރާ ގެންގޮސް ބޭނުންރަމުދާކަމަށް ފާހަގަވެފައިވާކަމަށް ކަސްޓަމްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ. 

ކަސްޓަމުން ބަލާ ފާސްކޮށްފައިވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓާއި، ސަން އައިލެންޑް ރިސޯޓާއި، ފަން އައިލެންޑް ރިސޯޓާއި، ހޮލިޑޭ އައިލެންޑް ރިސޯޓެވެ. 

މި ހަތަރު ރިސޯޓަކީ، އެ ރިސޯޓްތައް ހިންގާ ކުންފުނިން މީރާއަށް ދައްކަންޖެހޭ ފައިސާ ޤަވާޢިދާ އެއްގޮތަށް ދައްކަމުން ނުދާތީ، މިރާގެ އެންފޯސްމަންޓް ޕޮލިސީގެދަށުން 22 މަރޗް 2017އިން ފެށިގެން ކަސްޓަމްސްއިން ޚިދުމަތްދިނުން މެދުކަނޑާލައި، ބަނގުރާ ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ 4 ރިސޯޓެވެ.

މިކަމާއި ގުޅިގެން ކަސްޓަމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބަނގުރާއަކީ ކަސްޓަމްސްގެ ބެލުމުގެދަށުން ވަކި ތަނަކަށް ގެންދިއުމަށް އިޤުރާރުވެ ދޫކުރާ އެއްޗަކަށްވުމުގެ ސަބަބުން އެނޫން ތަނަކަށް ގެންގޮސް ވިއްކުމަކީ ޤާނޫނީ ގޮތުން މަނާކަމެއްކަމަށެވެ. އެހެންކަމުން ގަވަޢިދާ ޚިލާފަށް ޢަމަލުކޮށްފައިވާ ރިސޯޓުތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެކަމަށްވެސް އެ ބަޔާނުގައި ލިޔެފައިވެއެވެ. 

ޤަވައިދާ ޚިލާފަށް ބަނގުރާ ދޫކުރުން މަނާކޮށްފައިވަނީ ޤަވައިދާ ޚިލާފަށް ބަނގުރާ ގެންދިއުމުގެ ސަބަބުން ބަނގުރާ ރާއްޖެއަށް ޢާއްމުވުމާއި، ޤަވައިދާ ޚިލާފަށް އެތަކެތީގެ ވިޔަފާރުކުރުމާއި، ދަޢުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އުޅުމަށް މަގުފަހިވާ ކަމަކަށްވުމުގެ ސަބަބުންނެވެ. 

މި ރިސޯޓްތައް ކަސްޓަމުން ބަލާފާސްކޮށްފައިވަނީ  މިމަހުގެ 17 އާއި 18ވަނަ ދުވަހުއެވެ.