ދީން

މުދަލުން ޒަކާތް ނެރުމަކީ ދަހިވެތިކަމުން ނަފްސު ޠާހިރުވާކަމެއް


މުދަލުން ޒަކާތް ނެރުމަކީ ދަހިވެތިކަމުން ނަފްސު ޠާހިރުވާކަމެއްކަމަށާއި، ފަޤީރުންނާއި މުއްސަނދިންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ، އެކަމުގެ ސަބަބުން މުޅި މުޖުތަމަޢުގެ ގުޅުން ބަދަހިވެގެންދާނެކަމެއްކަމަށް ހުކުރު ޚުޠުބާގައި ބުނެފިއެވެ. ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުޠުބާ ހާއްސަކޮށްފައިވަނީ "ޒަކާތް ނެރުމުގެ މުހިއްމުކަން" މި މަޢުޟޫއަށެވެ.

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުޠުބާ "ޒަކާތް ނެރުމުގެ މުހިއްމުކަން" މި މަޢުޟޫއަށް ހާއްސަކޮށްފައިވާއިރު، ޒަކާތްނެރުމާއި، އެކަމުގެ ސަބަބުން އަމިއްލަ ނަފްސަށާއި، މުޅި މުޖުތަމަޢަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް ވަރަށް ތަފްސީލީ ނަޒަރަކުން ބަލާލާފައިވެއެވެ. އެގޮތުން މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަތިވެރި ނިޢުމަތްތަކުގެ ތެރޭގައި އެކަލާނގެ އަޅުންނަށް ދެއްވާ މުދަލާއި، ތަނަވަސްކަމުގެ ނިޢުމަތް ހިމެނޭކަމަށާއި، މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ މުދަލުން އަދާކުރަންޖެހޭ ޙައްޤުތަކެއްވާކަން ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ. 

މުދަލުން އަދާކުރަންޖެހޭ އެންމެ މުހިއްމު ޙައްޤަކީ ޒަކާތްކަން ބަޔާންކޮށް، މާތް ﷲ ކަނޑައަޅުއްވާފައިވާ މިންވަރަކަށް ތިމާގެ އަތުގައި ހުރި މުދާ އިތުރުވެއްޖެނަމަ، އެމުދަލުން އެކަލާނގެ ކަނޑައަޅުއްވާފައިވާ މިންވަރެއް ޒަކާތުގެ ގޮތުގައި ނެރެންޖެހޭނެކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި ޒަކާތަކީ ވަރަށް މާތް މަޤްޞަދެއްގައި މާތް ﷲ ފަރުޟުކުރައްވާފައިވާ ކަމެއްކަމަށާއި، އެކަމުގެ ސަބަބުން ލިބޭ މާއްދީ އަދި ރޫޙާނީ ފައިދާތަކުގެ މައްޗަށްވެސް ޚުޠުބާގައި އަލިއަޅުވާލާފައިވެއެވެ.

"މުދަލުން ޒަކާތްދިނުމަކީ ދަހިވެތިކަމުން ނަފްސު ޠާހިރުވާކަމެއް. ފަޤީރުންނާއި މުއްސަނދިންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ، އެކަމުގެ ސަބަބުން މުޅި މުޖުތަމަޢުގެ ގުޅުން ބަދަހިވާކަމެއް. އަދި ހަމައެހެންމެ ތިމާގެ މައްޗަށް ﷲ ފަރުޟުކުރެއްވި ފަރުޟު ފުރިހަމައަށް އަދާ ކުރެވުމުގެ ސަބަބުން ފަރުދީގޮތުން ހިތްހަމަޖެހުން ލިބޭކަމެއް. އަދި އިންސާނާގެ ހިތުގައި އުފެދޭ މުދަލުގެ ދަހިވެތިކަން ނެތިގެން ދިއުމަށްޓަކާ މާތް ﷲ މެދުވެރިކުރައްވާ ސަބަބެއް. ތިމާގެ ރިޒްޤު ތަނަވަސްވެ، ތިޔާގިކަން އިތުރުވާކެމެއް"ދަހިވެތިކަމަކީ ވަރަށް ސުންޕާމީހުންގެ ސިފައެއްކަން ބަޔާންކޮށް ޚުޠުބާގައި ބުނެފައިވަނީ ދަހި މީހާއަކީ މާތް ﷲ އެމީހެއްގެ މައްޗަށް ޝަރުޢީ ގޮތުން ވާޖިބުކުރައްވާފައިވާ އެއްޗެއް ހިފަހައްޓައި، އެ ދޭންޖެހޭ ފަރާތަށް ދިނުމާ ދެކޮޅު ހަދާ މީހެއްކަމަށެވެ. އަދި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ޒަކާތްނުދޭ މީހުންނަށް ތައްޔާރު ކުރައްވާފައިވާ ޖަޒާއަކީ ބިރުން ފިއްކަނޑައިގެންދާ ފަދަ ވޭންދެނިވި ޢަޛާބެއްކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ. އެހެންކަމުން އަޅުގަނޑުމެންނަކީ ދަހިވެތިކަމުން ދުރުވެ، ފަރުޟު ޒަކާތް އަދާކުރާ ބަޔަކަށް ވުމަށްވެސް ޚުޠުބާގައި ގޮވާލާފައިވެއެވެ. އަދި ޒަކާތް ނެރުމުގެ ސަބަބުން ޒަކާތުގެ ބެހެނިވެރިންނަށް އެމުދަލުގެ ބޭނުން ހިފޭނެކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

"މުސްލިމް އަޚުންނޭވެ! ތިޔަބައިމީހުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟުވެފައިވާ މުދަލު ޒަކާތް ނެރެފިނަމަ، ބަނޑުހައިހޫނުކަން ތަޙައްމަލު ކުރަންޖެހޭ ފަޤީރުން މަދުވާނެ. ތިޔަބައިމީހުން ތިޔަބައިމީހުންގެ ޒަކާތް ނެރެފިނަމަ، މުއްސަނދިންނަށް ނުނިޔަތްލާނެ މިސްކީނުން މަދުވާނެ. ތިޔަބައިމީހުން ތިޔަބައިމީހުންގެ ޒަކާތް ނެރެފިނަމަ، ސަލާމްޖަހާނެ މީހުން މަދުވާނެ. ތިޔަބައިމީހުން ތިޔަބައިމީހުންގެ ޒަކާތް ނެރޭނަމަ، ތިޔަބައިމީހުންގެ ޙާލު ރަނގަޅުކުރައްވާ، ތަނަވަސްކަން އިތުރުކުރައްވާނެ"މުދަލަކީ އޭގެ ޒާތުގައި އިމްތިޙާނެއްކަމަށާއި، މާތް ﷲ ބައެއް މީހުންނަށް ހެޔޮ ނިޢުމަތް ދެއްވަނީ އެމީހުން އެ ނިޢުމަތަށް ޝުކުރުވެރިވެ، މާތް ﷲ އަންގަވާގޮތުގެ މަތިން އެ ނިޢުމަތްތަކުން މީސްތަކުންނަށް ހެޔޮ ފޯރުވައިދޭތޯ ބެއްލެވުމަށްކަމަށް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ. އަދި އަނެއްބަޔަކާ މުޞީބާތްތައް ކުރިމަތި ކުރައްވަނީ އެބައިމީހުން ކެތްތެރިވޭތޯ ބެއްލެވުމަށް ކަމަށާއި، އަޅުގަނޑުމެން މުސްލިމުންނަކީ ހުރިހާ ހާލަތެއްގައިވެސް ކެތްކުރަން ދަންނަ، އަދި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޝުކުރުވެރިވާ ބައެއްގެގޮތުގައި ދެމިތިބުމަށްވެސް ޚުޠުބާގައި ގޮވާލާފައިވެއެވެ.