ކުޅުދުއްފުށި އެއަރޕޯޓް ހަދާ ބިން ޙިމާޔަތްކުރުމަށް ޖަހާ ރިވެޓްމަންޓްގެ މަސައްކަތް އަންނަ ފެބްރުއަރީމަހަށް ނިންމާނެކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރަމުންދަނީ ކުޅުދުއްފުށީ އެއަޕޯޓް ހެދުމަށް އެރަށު ފަޅުން ހިއްކާފައިވާ 6 ހެކްޓަރުގެ ބިމުގައެވެ. އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޚުޝާމް ވިދާޅުވީ ހިއްކި ބިމުގެ ބިންގަނޑު ހިފެހެއްޓުމަށްޓަކައި ޖަހާ ރިވެޓްމަންޓްގެ ތިންބައިކުޅަ އެއްބައި މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.
އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޚުޝާމް ވިދާޅުވީ އެމްޓީސީސީއިން ސަރުކާރާއިއެކު އެއްބަސްވެފައިވަނީ އެއަރޕޯޓް އެޅުމަށް ބޭނުންވާ ފަޅުހިއްކުމާއި، ރިވެޓްމަންޓްޖެހުމާއި، ކުޅި ހިއްކުމަށް ބޭނުންވާ ފަސް ޖަމާކުރުމަށްކަމަށެވެ. އެގޮތުން ވެފައިވާ އެއްބަސްވުމުގެދަށުން އެރަށު ފަޅުން ހިއްކަންޖެހޭ ބައި ހިއްކައި، ކުޅި ސަރަޙައްދައް ފަސްޖަމާކޮށް، މަހާޖައްރާފުން ކުޅުދުއްފުށި ބިންހިއްކުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއްކޮށް ނިމިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ ހިއްކި ބިމުގެ ވެލިގަނޑު ހިފެހެއްޓުމުގެގޮތުންޖަހާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. މި މަސައްކަތާއިއެކު އެމްޓީސީސީއިން ކުޅުދުއްފުށީ އެއަަރޕޯޓް އަޅާ ބިމުގައި ކުރާ ހުރިހާ މަސައްކަތްތަކެއް ނިމޭނެއެވެ. ފަސްގަނޑުފެތުރުމާއި، ފަސްގަނޑު ހަރުކުރުމުގެ މަސައްކަތް ކުރާނީ އެއަރޕޯޓް އެޅުަމަށް ހަވާލުވާ ކުންފުނިންކަމަށް އެމްޓީސީސީއިން ބުނެއެވެ.
ކުޅުދުއްފުށި އެއަރޕޯޓްއެޅުމަށް އެރަށުންވަނީ ޖުމްލަ 15 ހެކްޓަރުގެ ބިން ހިއްކާފައެވެ. އޭގެތެރޭގައި ހިމެނެނީ ފަޅުން ހިއްކާފައިވާ 6 ހެކްޓަރާއި، ކުޅިން ހިއްކާ 9 ހެކްޓަރުގެ ބިމެވެ.
އެމްޓީސީސީއިން މިހާރު ކުރަމުންދަނީ ށ.ފުނަދޫ އެއަރޕޯޓް އެޅުމަށް ހިއްކާޖެހޭ ބިން ހިއްކުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެދަށުން 21 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. ޚުޝާމް ވިދާޅުވީ މި މަސައްކަތް ކުރިއަށްއޮތް މަހެއްހާ ދުވަހުގެތެރޭގައި ނިންމާނެކަމަށެވެ. ބިންހިއްކާ ނިމުމާއިއެކު ރިވެޓްމަންޓްގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެކަަމަށް ޚުޝާމް ވިދާޅުވިއެވެ.
އެމްޓީސީސީއިން މިއަހަރު އިތުރު ރަށްތަކެއްގެ ބިން ހިއްކުމަށް އެކި ކުންފުނިތަކާއިއެކު ވާހަކަދައްކަމުންދާކަންވެސް ހުޝާމް ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ އިތުރުން އަމިއްލަ ކުންފުނިތަކުގެ މަޝްރޫޢުތައްވެސް ކުރިއަށްގެންދާނެކަމަށް ޚުޝާމް ވިދާޅުވިއެވެ.
ޚުޝާމް ވިދާޅުވީ މާހާޖައްރާފާއިއެކު ބިންހިއްކުމުގެ ދާއިރާއަށް ބޮޑެއްތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އެގޮތުން އެންމެ ބޮޑު ފައިދާއަކީ ބޭނުން ސަރަޙައްދަކުން ވެލި ނަގައިގެން ހިއްކާ ބިމަށް ގެނައުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.