ޚަބަރު

ކުޅުދުއްފުށީ އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް ޖުލައި މަހު ނިމޭނެ


ކުޅުދުއްފުށީ ޑޮމެސްޓިކް އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް ޖުލައި މަހުގެ ފުރަތަމަ ދުވަހަށް ނިންމާ ރީޖަނަލް އެއަރޕޯޓްސްއާ ހަވާލުކުރާނެ ކަމަށް އެމްއާރުޑީސީން ބުނެފިއެވެ.

އެމްއާރުޑީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދީ އަޤީލް ވިދާޅުވީ ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯޓްގެ މަސައްކަތް އެމްއާރުޑީސީއާ ހަވާލުކުރުމާއެކު އެ މަސައްކަތް ފެށުމަށް މިހާރުން ފެށިގެން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ހޯމަ ދުވަހު ރީޖަނަލް އެއަރޕޯޓްސްއާއެކު އެއްބަސްވުމުގައި ސޮއިކޮށް އެއަރޕޯޓުގެ ރަންވޭގެ އަމަލީ މަސައްކަތް ފަށާނެކަމަށް އަޤީލް ވިދާޅުވިއެވެ. އަދި ޤުދުރަތީ ކާރިޘާއެއް ދިމާނުވާނަމަ ޖުލައި މަހުގެ އެއްވަނަ ދުވަހަށް މަސައްކަތް ނިމޭނެ ކަމަށް އެމްއާރޑީސީ އިން ބުނެއެވެ.

"ފުރަތަމަ ފޭސްގެ ދަށުން އަޅުގަނޑުމެން ކުރަމުން ގެންދާނީ އޭޕްރަންއާއި ރަންވޭގެ މަސައްކަތް އެކަނި. މީގެ އިތުރު ފޭސްތައް އަންނާނެ. އިތުރު ފޭސްތަކުގެ ތެރޭގައި ފެންސް ޖެހުމާއި ބިލްޑިންގތައް ހެދުން ހިމެނޭ. އެހެން ނަމަވެސް މިވަގުތު މި ހަވާލުވަނީ ރަންވޭއާއި އޭޕްރަން އެކަނި" ޙަމްދީ އަޤީލް ވިދާޅުވިއެވެ.



އެމްއާރުޑީސީގެ ޗެއާމަން މުޙައްމަދު ލަތީފް ވިދާޅުވީ ކުޅުދުއްފުށީގައި ހަދާ އެއަރޕޯޓުގެ ހުރިހާ މަސައްކަތެއް ކުރާނީ އެ ކުންފުނީގެ ފުރިހަމަ ޙިއްސާއާއެކު ކަމަށެވެ. އެގޮތުން އެއަރޕޯޓުގެ ރަންވޭއާއި އޭޕްރަންގެ މަސައްކަތް ކުރިއަށްދާނީ އެމްއާރުޑީސީގެ ތަކެއްޗާއި އެ ކުންފުނީގެ މުވައްޒަފުންގެ ފުރިހަމަ ބެލުމުގެ ދަށުން ކަމަށް ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއަރޕޯޓުގެ މަޝްރޫޢުގެ ބައެއް މަސައްކަތަށް ކޮންސަލްޓެންޓުން ހޯދުމަށް ނިންމާފައިވާ ކަމަށެވެ.

"އެމްއާރުޑީސީއަކީ މަގުތައް ހެދުމުގައި ރާއްޖޭގެ ޕްރޮފެޝަނަލް ކުންފުންޏެއް. ދެން އަޅުގަނޑުމެން އަތުގައި ރަންވޭ އެޅުމަށްޓަކައި ބޭނުންވާ ހުރިހާ މެޝިނަރީއެއް އެބަހުރި. އަޅުގަނޑުމެން މި ޕްރޮޖެކްޓް އައުޓްސޯސްއެއް ނުކުރާނަން. އަދި ކުންފުނީގައި އެޤާބިލުކަންވެސް އެބަހުރި" މުޙައްމަދު ލަތީފް ވިދާޅުވިއެވެ.



ކުޅުދުއްފުށީގައި އަޅަން ނިންމާފައިވަނީ 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވާއެކެވެ. ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް އެމްއާރޑީސީއާ ޙަވާލުކުރުމަށް ނިންމާފައިވާއިރު ކުޅުދުއްފުށީ އެއަރޕޯޓް ހެދުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތްވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ނިންމާފައެވެ. މި މަސައްކަތުގެ ދަށުން އެއަރޕޯޓް ހެދުމަށް ވަނީ 15 ހެކްޓަރުގެބިން ހިއްކާފައެވެ. ހިއްކާފައިވަނީ އެރަށު ފަޅުން 6 ހެކްޓަރާއި ކުޅި ހިމެނޭ ސަރަޙައްދުން 9 ހެކްޓަރެވެ.

ރާއްޖޭގައި މިހާރު ވެސް 11 އެއާޕޯޓެއް ހިންގައެވެ. މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ތެރެއިން ހަތަރު ސަރަހައްދެއްގައި އެއަރޕޯޓް އެޅުމަށް 246 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫއާއި ފ. ނިލަންދޫއާއި ގދ. މާވަރުލުގައި އަޅާ އެއާޕޯޓެވެ.