ޚަބަރު

ބްރިޖްގައި ޕަވަރ ނެޓްވޯކް ޕްރޮޖެޓްގައި ކޮރަޕްޝަނެއް ނެތް - އޭސީސީ


ބްރިޖު މެދުވެރިކޮށް މާލެއާއި ހުޅުމާލޭއާއި ދެމެދު އަޅާ ހައި ވޮލްޓޭޖް ކޭބަލް އެޅުމުގެ މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތްކަމަށް އެންޓީ ކޮރަޕްޝަން ކޮމިޝަން، އޭސީސީން ނިންމައިފި. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގައި ޕަވަރ ނެޓްވޯކް އެޅުމުގެ މަސައްކަތް ސްޓެލްކޯއިން ހަވާލުކޮށްފައިވަނީ ޗައިނާގެ ޑޮން ފިން ކޯޕަރޭޝަން ޑީ.އީ.ސީ އާ އެވެ.  

ކޭބަލް އެޅުމުގެ މަސައްކަތް މަޑުޖައްސާލަން އެސީސީން އަންގާފައިވަނީ އެ މަސައްކަތް ޗައިނާ ނެޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެންއީސީ)އާއި ހަވާލު ކޮށްފައިވަނިކޮށް ސަތާރަ ދުވަސްފަހުން އެ މަސައްކަތް ސްޓެލްކޯއިން އެހެން ބަޔަކާއި ހަވާލުކުރުމުންނެވެ. އެ މައްސަލަ ބެލުމަށްފަހު އެސީސީން ނިންމި ނިންމުމުގައި ބުނެފައިވަނީ ކޭބަލް އެޅުމުގެ މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިވާކަން ފާހަގަ ކުރެވިފައިނުވާކަމަށެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒުހޫރު ވިދާޅުވީ ކަރަންޓް ވިއުގައަކުން މާލެއާއި ހުޅުމާލެ ގުޅާލުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ހުއްދަ އޭސީސީން ދީފައިވާތީ އެ މަސައްކަތް ބަޔަކާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މަސައްކަތް ހަވާލުކުރާނެ ބަޔަކު ނިންމާނީ އެންވަޔަރަމެންޓް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.

ކޭބަލް އެޅުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް ދެވަނަ ފަހަރަށް ހުޅުވާލުމުންވެސް ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ ބޭރުގެ ދެ ކުންފުންޏެއްކަމަށްވާ، ޑޮން ފިން ކޯޕަރޭޝަން ޑީ.އީ.ސީއާއި ޗައިނާ ނެޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޯޕަރޭޝަން- ސީއެންއީސީންކަމަށެވެ. 

ކަރަންޓަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސްޓެލްކޯއިން އަންނަނީ ފިފްތް ޕަވާރގެ ނަމުގައި މަޝްރޫއެއް ހިންގަމުންނެވެ. ހުޅުމާލޭގައި ކުރިއަށްގެންދާ މިމަޝްރޫއުގެ ދަށުން ހުޅުމާލޭގައި ނުވަ މެގަވޮޓްގެ ހަ އިންޖީނުގެ މައްޗަށް އެކުލެވޭ 50 މެގަވޮޓްގެ ކަރަންޓް އުފައްދައިދޭ އިންޖީނުގެއެއް ގާއިމްކުރާނެއެވެ. އޭގެ އިތުރުން 2400 މެޓްރިކް ޓަނުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި ފެން އުފައްދާ ނިޒާމެއް ވެސް ގާއިމްކުރާނެއެވެ. މިއީ ސީވޯޓަރ ކޫލިންގ ސިސްޓަމަކާއެކު ގާއިމުކުރާ ޑީސަލިނޭޝަން ޕްލާންޓެކެވެ.