ޚަބަރު

"އަންނަ ހަފްތާއިން ފެށިގެން ޕޭރެންޓް ކާރޑް ބޭނުންކުރަން ޖެހޭނެ"


އަންނަ ހަފްތާއިން ފެށިގެން ސްކޫލްތަކަށް ދަރިވަރު ބަލައި ދާންޖެހޭނީ ބެލެނިވެރިޔާއަކީ އެ ދަރިވަރުގެ ބެލެނިވެރިޔާކަން ޔަގީން ކުރުމަށް ސްކޫލުން ދީފައިވާ ކާޑު ހިފައިގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވި ކޮންމެ ބެލެނިވެރިޔަކުވެސް ދަރިވަރު ބަލާ ސްކޫލަށް ދާންވާނީ ސްކޫލުން ދޫކޮށްފައިވާ އެ ދަރިވަރުގެ ފޮޓޯޖެހި ޚާއްސަ ކާޑް ހިފައިގެންކަމަށެވެ. މިކަމަކީ ބެލެނިވެރިޔާއަށް ކޮންމެވެސްވަރެއްގެ ތަކްލީފަކަށްވިނަމަވެސް  ދަރިވަރުންގެ ޙިމާޔާތާއި ރައްކާތެރިކަމަށްޓަކައި މިކަމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ޝަފީޢު ވިދާޅުވިއެވެ. މީގެ ކުރިން ދަރިވަރުން ބަލައި ބެލެނިވެރިން އައުމުން ސްކޫލުން އެކުދިން ފޮނުވާފައިވާނީ އެދަރިވަރެއްގެ ކްލާސްޓީޗަރަށް އެއީ ދަރިވަރުގެ ބެލެނިވެރިޔާކަން ޔަޤީންވުމުންކަން ފާހަގަކޮށް ޝަފީޢު ވިދާޅުވީ އަންނަހަފްތާއިން ފެށިގެން ސްކޫލުގެ ގޭޓާ ހިސާބުން ބެލެނިވެރިޔާ ކަށަވަރުކުރަމުން ގެންދާނެކަމަށެވެ. 

"ބެލެނިވެރިއެއްގެ ގޮތުގައި މަންމައާއި ބައްޕަގެ ތެރެއިން ސްކޫލްގެ އެކި ބޭނުމަށްޓަކައި ރަޖިސްޓްރީކޮށްފައިވާ މީހަކު ހުންނާނެ. ރަޖިއްޓްރީކޮށްފައި ވަކި މީހަކު ހުރިނަމަވެސް އެ މީހަކާމެދުވެސް ނުވަތަ ކުއްޖާގެ މަންމައާއި ބައްޕައާ މެދުވެސް އެއްގޮތަކަށް ޢަމަލުކުރަމުން ގެންދާނެ." އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވިއެވެ.

އެންމެ ކުއްޖަކުވެސް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން، ސްކޫލަށް ދާހިތްނުވާ ކުދިންނާއި ، ކިޔެވުމަށް ހުންނަ ޝައުގުވެރިކަންކުޑަ ދަރިވަރުންނަށްވެސް، ކިޔަވައިދިނުމުގައި ޚާއްސަ ކަންތައްތަކެއް އެކުލަވާލައި، އެޑިއުކެޝަން މިނިސްޓްރީން އަންނަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުނެވެ.

img:http://s4.psmnews.mv/images/660x400/15155695850606.jpg|މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީޢު - ފޮޓޯ: ޕީއެސްއެމް ނިއުސް

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ ވޭތުވެދިޔަ ދެދުވަހު ހިނގި ހާދިސާއަކީ ސްކޫލްތަކުގައި ޤާއިމްކޮށްފައިވާ އިންތިޒާމްތައް ގޯސްވެގެން ހިނގިކަމެއް ނޫންކަމަށާއި އެކަމަކީ ބަޔަކު ރާވައިގެން ދަރިވަރަށް ގެއްލުން ދިނުމުގެ ގޮތުން ކުރި ކަމެއްކަމަށެވެ. އަދި ސްކޫލްތަކަކީ އެއްވެސް އިރެއްގައި ހަމަނުޖެހުން އުފައްދާތަނެއް ނޫންކަން ފާހަގަކުރައްވައި ޝަފީޢުވަނީ  ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް ބެލެނިވެރިންނަށް އިލްތިމާސްކޮށްފައެވެ.

"ބަޔަކު ކުއްޖަކަށް ގެއްލުންދިނުމަށް ރާވާ، އެކަންކުރުމަށް ގަސްދުކޮށްގެން ކުރިކަމެއް މިއީ. މި މަސައްކަތް ކުރަނީ ރަނގަޅު ޖީލެއް ބިނާކުރުމަށް. މިކަމުގައި އެންމެންވެސް ޒިންމާނަގައިގެން މުޖުތަމަޢުގައި ހުރި ކުއްތައް މަދުކުރުން މުހިއްމު" އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވިއެވެ.

ސްކޫލުތައް ފެށޭ ވަގުތާއި ނިމޭ ވަގުތު އަދި އެހެނިހެން ވަގުތުތަކުގައިވެސް ސްކޫލްތަކުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ފިޔަވަޅު އަޅަންޖެހޭނެމަ އެކަންވެސް ކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.