ދުނިޔެ

ޚަރަދުކުރާނެ ގޮތެއް ފާސްނުކުރެވި އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް


އެމެރިކާގެ ސަރުކާރަށް ފަންޑުކުރުމާ ބެހޭގޮތުން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް އެއްގަލަކަށް ނޭރި، އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އަތުވެއްޖެއެވެ.

ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ސަރުކާރު ހިންގަން ބޭނުންވާ ފައިސާ ޚަރަދުކުރުމުގެ ބިލާމެދު އެއްބަސްވުމަކަށް އާދެވޭތޯ ދެ ފަރާތުންވެސް މަސައްކަތްކުރަމުންދިޔައެވެ.

އެހެންނަމަވެސް ތަޅުމުގައި ވޯޓަށް އެހުމުން، ބިލު ފާސްކުރަން ބޭނުންވާ 60 ވޯޓު ލިބިފައެއް ނުވެއެވެ. ރިޕަބްލިކަނުންގެ އަތުގައި ސެނެޓުގެ އަޣުލަބިއްޔަތު އޮތް ނަމަވެސް، އެ ޕާޓީން ކޮންޓްރޯލްކުރަނީ އެންމެ 51 ގޮނޑިއެވެ. ވޯޓު ފެއިލްވެފައިވާނީ އެއްކޮޅަށް 50 ވޯޓު، އަދި ދެކޮޅަށް 49 ވޯޓު ލިބިގެންނެވެ.

މިއީ ފަހުގެ ތާރީޚުގައި ވެރިކަންކުރާ ޕާޓީގެ އަޣުލަބިއްޔަތު ކޮންގްރެސްގައި އޮވެ، ސަރުކާރު ހުއްޓުމަކަށް އައި ފުރަތަމަ ފަހަރެވެ.

ސަރުކާރު ހުއްޓުމަކަށް އައިސްފައިމިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޤާމުގެ ހުވާ ކުރެއްވިދާ އެއް އަހަރު ވާ ދުވަހާ ދިމާކޮށެވެ.

ސަރުކާރު ހުއްޓުމަކަށް އައުމުގެ ކުޑަ އިރުކޮޅެއް ކުރިން ވައިޓް ހައުސް އިން ބަޔާނެއްގައި ވަނީ، މިއަދު، ޤައުމީ ސަލާމަތާއި ޤައުމަށް ރައްޔިތުންނަށް ޚިދުމަތްކުރަން އޮންނަ ވާޖިބުގެ ކުރިއަށް، ޤާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެމްބަރުން ވަނީ ސިޔާސީ މަސްލަޙަތު ނެރުއްވާފައިކަމަށް ބުނެފައިވެއެވެ.

އަދި ޑިމޮކްރަޓުން އެމެރިކާގެ އަމިއްލަ ރައްޔިތުން ހިޞާރުކޮށްފައިވާ މި ދަނޑިވަޅުގައި، ޤާނޫނާ ޚިލާފަށް އެމެރިކާއަށް ހިޖުރަކޮށްފައިވާ ބައެއްގެ ޙައްޤުތަކާ ބެހޭގޮތުން ވެރިކަންކުރާ ޕާޓީން މަޝްވަރާ ނުކުރާނެކަމަށް، ވައިޓް ހައުސްގެ ތަރުޖަމާނު ސާރާ ހަކަބީ ސޭންޑަރސް ވިދާޅުވިއެވެ.

ޓްރަމްޕާއި ސަރުކާރުން ވަނީ މިކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ސެނެޓުގެ މެޖޯރިޓީ ލީޑަރު ޗަކް ޝޫމަރ ކަމަށް ވިދާޅުވެ، އެމެރިކާގެ ސަރުކާރު ހުއްޓުމަށް އައިސްފައި މިއޮތް އޮތުމަށް، "ޝޫމަރ ޝަޓްޑައުން"ގެ ނަން ދީފައެވެ. އެހެންނަމަވެސް ޝޫމަރ ވިދާޅުވަނީ މިއީ "ޓްރަމްޕް ޝަޓްޑައުން" ކަމަށެވެ.

އެންމެ ފަހުން އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް ދިޔައީ 2013 ވަނަ އަހަރު، ބަރަކް އޮބާމާގެ ރިޔާސަތުގައި، އޮބާމާކެއަރގެ މައްސަލައިގައި އެއްގަލަކަށް ނޭރިގެންނެވެ.