ޚަބަރު

ކުޅުދުއްފުށީގައި ބޮނބިނަރު އުފައްދާ މެޝިނެއް ބަހައްޓަނީ


ބޮނބިނަރު އުފައްދާ މެޝިންގެ ޚިދުމަތް އަންނަ ހަފްތާތެރޭ ކުޅުދުއްފުށީ ރައްޔިތުންނަށް ދޭން ފަށާނެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ބޮނބިނަރު އުފައްދާ މެޝިން ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، އަންނަ ހުކުރު ދުވަހު މެޝިން އެތަނުގައި ބަހައްޓާ، މެޝިނުގެ މަސައްކަތް އިފްތިތާހްކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

މި މެޝިނަނީ، ފަންގިވިނުމާއި ރޯނު ވެށުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ހދ. ކުޅުދުއްފުށީގެ އެއަރޕޯޓް ތަރައްޤީކުރުމަށް އެރަށުގެ ކުޅީގެ ބައެއް ހިއްކުމާގުޅިގެން އެރަށުގެ ރައްޔިތުންނަށް މި މަސައްކަތް ކުރުމުގައި ދަތިތަކެއް ދިމާވެފައިވާތީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، އެރަށު ކައުންސިލަށް ހަދިޔާ ކުރި މެޝިނެކެވެ. މި މެޝިނުން ބޮނބި ފާކޮށް އެއިން ބޮނބި ނަރު ހަދާދެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުލް ލަތީފް ޙަސަން ވިދާޅުވީ، މި މެޝިނުން ޚިދުމަތް ދިނުމަށް ބޭނުންވާ ކަރަންޓަށާއި، އޮޕަރޭޓް ކުރުމަށް ޚަރަދުތަކެއް ދާނެތީ، ވިޔަފާރި އުސޫލުން ނޫން ނަމަވެސް ކުޑަ ފީއެއް މި ޚިދުމަތް ހޯދާ ފަރާތްތަކުގެ އަތުން ނަގަން ނިންމާފައިވާކަމަށެވެ. އަދި ނަގާނެ ފީއެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ މި މެޝިން ބެހެއްޓުމަށް ހަމަޖެހިފައިވަނީ ތިން އަވަށުގެ ރައްޔިތުންނަށްވެސް ފަސޭހަ ހިސާބެއްގައި ކަމަށެވެ. މި މެޝިނުން ދުވާލެއްގެ މައްޗަށް ހަ ހާސް ބޮބިގަނޑު ނަރަށް ބަދަލުކޮށްލެވޭނެ ކަމަށް ކުޅުދުއްފުށީ ކައުންސިލުން މަޢުލޫމާތުދެއެވެ.