މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ ޝޯވތައް ފެބްރުއަރީ 2 ގައި!


ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ ހަމައެކަނި ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް" ސީޒަން 3 ގެ އޮޑިޝަންތަކުގެ ޝޯވތައް އަންނަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޓީ.ވީ.އެމުން ދައްކަން ނިންމައިފިއެވެ. 

އައިޑަލް ސީޒަން 3 ގެ އޮޑިޝަންތައް މާލޭ ސިޓީގެ އިތުރުން ރާއްޖޭގެ 2 ސަރަޙައްދެއްގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އެއީ ރ.އުނގޫފާރާއި، އައްޑޫ ސިޓީ ހިތަދޫގައެވެ. މިފަހަރުގެ ސީޒަންގެ ޝޯވތައް އަންނަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ދެއްކުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ ދައްކާނީ މާލޭ ސިޓީގެ އޮޑިޝަންތަކުގެ ޝޯވތަކެވެ.

މޯލްޑިވިއަން އައިޑަލްގެ ކުރީގެ 2 ސީޒަން ކާމިޔާބުކަމާއެކު ބެލުންތެރިންނަށް ގެނެސްދީފައިވާއިރު، މިފަހަރުގެ ސީޒަނުންވެސް ބޮޑެތި ތަފާތުތަކެއް ފެނިގެންދާނެކަމަށް އައިޑަލްގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. އެގޮތުން ކުރީގެ ދެ ސީޒަނާއި ޚިލާފަށް މިފަހަރުގެ ސީޒަންގައި ޖަޖުންގެ ޕެނަލުން 4 ފަންނާނަކު ފެންނާނެއެވެ. ހަމައެހެންމެ ކުރީގެ ސީޒަންތަކުގައި ނުފެންނަ "ގޯލްޑަން މައިކް" މިފަހަރުގެ ސީޒަންގައި ފެނިގެންދާއިރު، އައިޑަލްގެ މިފަހަރުގެ ޝޯވތަކުންވެސް ބައިވެރިންނަށާއި، ބެލުންތެރިންނަށްވެސް ބޮޑެތި ސަޕްރައިޒްތަކެއް ފެނިގެންދާނެކަމަށް އައިޑަލްގެ ޓީމުން ބުނެއެވެ. 

img:http://s3.psmnews.mv/images/660x400/15134207783281.jpg|މޯލްޑިވިއަން އައިޑަލްގެ 3 ވަނަ ސީޒަންގެ މާލޭ ސިޓީގެ އޮޑިޝަންތަކުގެ ތެރެއިން / ފައިލް ފޮޓޯ: ޕީއެސްއެމް

އައިޑަލްގެ ޝޯވތައް އާއްމުންނާއި ހަމައަށް ގެނެސްދިނުމަށް އައިޑަލްގެ ޕްރޮޑަކްޝަން ޓީމުން މަސައްކަތް ކުރަމުންދާއިރު، ސީޒަން ތިނެއްގެ ތިއޭޓަރ ރައުންޑްގެ ޝޯވތައްވެސް މިހާރުވަނީ ޝޫޓްކޮށް ނިންމާލާފައެވެ. އޯޕަން އޮޑިޝަންގެ ޝޯވތައް ނިމުމާއެކު ގޯލްޑަން ޓިކެޓް ހޯދި ބައިވެރިންނާއެކު ތިއޭޓަރ ރައުންޑްގެ ޝޯވތައް އާއްމުންނާއި ހަމައަށް ގެނެސްދޭނެއެވެ. އެއަށްފަހު ޕިއާނޯ ރައުންޑް ނިންމާ، ގަދަ 12 ބައިވެރިންނާއެކު ގާލާ ރައުންޑުގެ ޝޯވތައް ކުރިއަށްދާނެއެވެ. 

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގްރޭންޑް ފިނާލޭ އޮންނާނީ ފައިނަލްގައި ވާދަކުރާ ގަދަ 3 ބައިވެރިންނާއެކުއެވެ.