ޚަބަރު

އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ކެމްޕޭނަށް ޑރ.ޝައިނީ އެފްރިކާއަށް


އދ.ގެ ސެކިއުރިޓީ ކައުންސިލަށް ކެމްޕޭން ކުރުމުގެ ގޮތުން ދިވެހި ރާއްޖޭގެ މަންދޫބެއްގެ ގޮތުގައި ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ އެފްރިކާގެ 3 ޤައުމަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން މިނިސްޓަރ ޝައިނީ ކުރައްވާ މިދަތުރުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެފްރިކާގެ އިރުމަތީ ބިތުގެ ތިން ޤައުމުކަމަށްވާ ޓެންޒޭނިއާ އާއި މޮޒަންބީކާއި ސައުތު އެފްރިކާއަށެވެ. ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތުދޭގޮތުގައި މިދަތުރުފުޅުގައި އެޤައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި މިނިސްޓަރ ޑރ.ޝައިނީ  ބައްދަލުކުރައްވާނެއެވެ. އަދި މިއަހަރުގެ ޖޫން މަހު ބާއްވާ އދ.ގެ ސެކިއުރިޓީ ކައުންސިލްގެ އިންތިޚާބުގައި ދިވެހިރާއްޖެއަށް ތާޢީދު ހޯދުމަށް ޑރ.ޝައިނީ މަސައްކަތްޕުޅު ކުރައްވާނެއެވެ. 

މިދަތުރުފުޅުގެ ތެރެއިން އެޤައުމުތަކުގެ ފިޝަރީޒް މިނިސްޓަރުންނާއިވެސް ޑރ. ޝައިނީ ބައްދަލުކުރައްވާނެކަމަށް މަޢުލޫމާތުލިބެއެވެ. މިބައްދަލުވުންތަކުގެ ބޭނުމަކީ އިންޑިއާ ކަނޑުގައި މަސްވެރިކަންކުރާ ޤައުމުތަކުގެ މެދުގައި މަސް ބާނާނެ މިންވަރު (ކޯޓާ) ކަނޑައެޅުމަށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ހުށަހަޅާ ޕްރޮޕޯސަލްއަށް ތާޢީދު ހޯދުމެވެ. މިޕްރޮޕޯސަލަކީ އިންޑިއާ ކަނޑުގައި މަސްވެރިކަންކުރާ އައްސޭރި ފަށުގެ ޤައުމުތަކުގެ ލާބައާއި މަންފާއަށް އަދި ޚާއްސަކޮށް ދިވެހިރާއްޖޭގެ މަސްވެރިކަން ރައްކާތެރިކުރުމުގެ ގޮތުން ދިވެހިރާއްޖެއިން އިސްނަގައިގެން ހުށަހަޅާ ޕްރޮޕޯސަލެކެވެ. މިފަދަ ޕްރޮޕޯސަލެއްގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިރާއްޖެއާއި އަދި އައްސޭރިފަށުގެ މަސްވެރިކަންކުރާ އެހެނިހެން ގައުމުތަކުން މަސްވެރިކަންކުރާ މިންވަރު ދަށަށް ނުދާނެ ފަދަގޮތަކާށް ކޯޓާ ބެހިގެން ދިއުންކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ދިވެހިރާއްޖެއިން ހުށަހަޅާފައިވާގޮތަށް މިކަރުދާސް ފާސްވެގެން ހިނގައްޖެނަމަ، ދިވެހި މަސްވެރިން ބާނާ މަހަށް މިހާރު ލިބޭ އަގަށްވުރެ ބޮޑު އަގެއް ލިބި، ރާއްޖޭގެ މަސްވެރިކަން އިތުރަށް ފުޅާވެގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ދެކެއެވެ.