ޚަބަރު

ޓޫރިޒަމްގެ މަޝްރޫޢުތަކަށް ބޭރުގެ ކުންފުނިތަކުން ޝަައުގުވެރިވޭ


އިންޓެގްރޭޓެޓް ޓޫރިޒަމްގެ ގިނަ މަޝްރޫޢުތަކެއް ރާއްޖޭގައި ކުރިއަށްގެންދިއުމަށް ބައިނަލްއަޤުވާމީ ބޮޑެތި ކުންފުނިތަކަކުން ޝަޢުޤުވެރިކަން ފާޅުކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އެނބޫދޫ ލެގޫން މަޝްރޫޢުގައި ރީޓެއިލްކޮށް ނުވަތަ ވަކިވަކިން އިންވެސްޓްކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ޕީއެސްއެމުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެނބޫދޫ ލެގޫން މަޝްރޫޢަކީ ޢާއިލީ ފަތުރުވެރިކަމުގެ މާކެޓަށް ހުޅުވާލައިގެން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު އިންޓެގްރޭޓެޑް ފަތުރުވެރިކަމުގެ މަޝްރޫޢުއެވެ.

މި މަޝްރޫޢަކީ 9 ރަށުގެ މައްޗަށް އެކުލެވިގެންވާ، އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޓައުންޝިޕަކާއި، ޑިއުޓީ ފްރީ އަދި 30 ރެސްޓޯރެންޓާއި މި ނޫންވެސް ފަތުރުވެރިކަމުގެ ތަފާތު ޕްރޮޑަކްޓްތަކެއް ރާއްޖޭގެ ފަތުރުވެރިކަމަށް މުޅިން އަލަށް ތަޢާރަފުކުރާނެއެވެ.

އެނބޫދޫ ލެގޫން މަޝްރޫޢުގައި ރީޓެއިލްކޮށް އިންވެސްޓްކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ޕީ.އެސް.އެމް. ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، އެނބޫދޫ ލެގޫން މަޝްރޫޢުން ރާއްޖެއަށް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އޮތް މިންވަރު ފެނިގެންދާކަމަށާއި ބައިނަލްއަޤުވާމީ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުޞަތުތައް ހާމަވެގެންދާކަމަށެވެ. ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ އެނބޫދޫ ލެގޫން މަޝްރޫޢު ފަދަ އިންޓެގްރޭޓެޑް އިތުރު މަޝްރޫޢުތަކެއް ރާއްޖޭގައި ހިންގުމަށް ބައިނަލްއަޤުވާމީ ގިނަ ކުންފުނިތަކަކުން ޝަޢުޤުވެރިކަން ފާޅުކުރަމުންގެންދާކަމަށެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރުމާއެކު އަންނާނެ ބަދަލުތައް ރާއްޖޭގެ އިޤްތިޞާދުން މިހާރު ފެންނަމުންދާކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

"މި ފެންނަނީ ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު. އަދި އިންވެސްޓަރުންނަށްއޮތް ފުރުޞަތުތައް ބައިނަލްއަޤްވާމީގޮތުން ބަލައިގެންފައިވާ މިންވަރު. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރުމާއެކު އަންނާނެބަދަލުތައް ފެންނަމުން މިދަނީ. ޚާއްޞަކޮށް މާލެ އަތޮޅަށް. މީގެ އިތުރުން މާލެއާދުރު ސަރަޙައްދުތައްވެސް ވަރަށް ބޮޑަށް ތަރައްޤީވެގެންދާނެ. އިތުރު މަޝްރޫޢުތައް ޕްލޭންކޮށް އިތުރު މަސައްކަތްތައް ކުރިއަށްއެބަދޭ. ޓޫރިޒަމް އިންޑަސްޓްރީގެ ޝާމިލްވުން މި ކަމުގައި ބޮޑު. އެނދުގެ ޢަދަދު އިތުރުއެބަވޭ. އެރައިވަލް އިތުރުވާނެ މިފަދަ އިންވެސްޓްމަންޓްތަކާއެކު." ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެނބޫދޫ ލެގޫން މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި އަންނަ އޯގަސްޓްމަހުގެ ނިޔަލަށް ނިންމުމަށް، އެ މަޝްރޫޢު ހިންގާ ތައިލެންޑްގެ ކުުންފުނި ސިންހާ އެސްޓޭޓުން ދަނީ މަސައްކަތްކުރަމުންނެވެ. ޓޫރިޒްމ މިނިސްޓަރ ވިދާޅުވީ ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމަށެވެ.

***