މަދަނީ ޖަމުޢިއްޔާތަކާއެކު މަސައްކަތްކުރުމަށް ހިއުމަންރައިޓްސް ކޮމިޝަނުން އުފައްދާފައިވާ ނެޓްވާރކްގައި ރަޖިސްޓްރީވުމުގެ ފުރުސަތު އެ ކޮމިޝަނުން ހުޅުވާލައިފިއެވެ.
އެޗްއާރުސީއެމުން ބުނީ އެ ކޮމިޝަންގެ އެންޖީއޯ ނެޓްވާކްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ރާއްޖޭގައި ކޮންމެ މަދަނީ ޖަމުޢިއްޔާއަކަށް ހުޅުވާލާފައިވާކަމަށެވެ. އަދި މި ފުރުސަތު މިމަހުގެ ތޭވީހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށްވެސް އެޗްއާރުސީއެމުން ބުނެއެވެ. މި ނެޓްވޯރކްގައި ކުރިން ރަޖިސްޓްރީކޮށްފައިވާ ޖަމުޢިއްޔާތަކުން އަލުން ރަޖިސްޓްރީކުރުމަށްވެސް އެޗްއާރުސީއެމުން އެދެއެވެ.
އެންޖީއޯ ނެޓްވޯކަކީ އިންސާނީ ޙައްގުތަކަށް ހޭލުންތެރިކޮށް އިންސާނީ ޙައްގުތަކަށް އިޙްތިރާމްކުރާ ޘަގާފަތެއް ދިވެހިންގެ ތެރޭގައި އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފަށާފައިވާ މަސައްކަތެއްކަމަށް އެޗްއާރުސީއެމުން ބުނެއެވެ. އަދި މި ނެޓްވާރކްގައި ހިމެނޭ ޖަމުޢިއްޔާ ޖަމާޢަތްތަކާއެކު ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އެޗްއާރުސީއެމުން ބުނެއެވެ. މިގޮތުން އިންސާނީ ޙައްޤުތަކަށް މީހުން އަހުލުވެރިކުރުވުމާއި ޢާންމުން ހޭލުންތެރިކުރުވުމުގެ ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި، މާލީ އެހީތެރިކަން ހޯދުމަށް އެހީތެރިވެދިނުން ހިމެނޭކަމަށް އެޗްއާރުސީއެމުން ބުނެއެވެ.