ދުނިޔެ

އިންޑިއާ ސަރުކާރުން ދޭ ޙައްޖު ސަބްސިޑީ ކަނޑާލައިފި


ޙައްޖުގެ އަޅުކަމަށް މައްކާއަށް ދަތުރުކުރާ އިންޑިއާ މީހުންނަށް އެޤައުމުގެ ސަރުކާރުން ދެމުންދިޔަ ޙައްޖު ސަބްސިޑީ ދިނުން ހުއްޓާލައިފިއެވެ.

އިންޑިއާގެ މައިނޯރިޓީ އެފެއާޒްއާބެހޭ ޔޫނިއަން މިނިސްޓަރ މުޚްތާރު އައްބާސް ވިދާޅުވީ، ޙައްޖު ސަބްސިޑީގެ ގޮތުގައި ބަޖެޓުން ޚަރަދުކުރަމުންދިޔަ ފައިސާ މީގެ ފަހުން ޚަރަދުކުރަނީ މުސްލިމް އަންހެން ކުދިންގެ ތަޢުލީމާއި ކުރިއެރުމަށްކަމަށެވެ.

ފްލައިޓް ޓިކެޓުން ޑިސްކައުންޓް ދޭގޮތަށް ޙައްޖަށްދާ އިންޑިއާ މީހުންނަށް ޙައްޖު ސަބްސިޑީ ދޭން ފެށީ 1950ގެ އަހަރުތަކުގައި ކޮންގްރެސް ޕާޓީގެ ވެރިކަމުގައެވެ. ނަމަވެސް އިންޑިއާގައި މިހާރު ވެރިކަންކުރާ ބީޖޭޕީގެ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ގޮތުން މަންފާތަކެއް ހޯދުމަށް ދޭ ސަބްސިޑީއެކެވެ.

އިންޑިއާއިން ކޮންމެ އަހަރަކު ސަތޭކަ ހާހަށްވުރެ ގިނަ މީހުން ޙައްޖަށް ދާއިރު، މިދިޔަ އަހަރުވެސް ޙައްޖު ސަބްސިޑީއަށް 70 މިލިއަނެއްހާ ޑޮލަރު އިންޑިއާއިން ހޭދަކުރިއެވެ.

2012 ވަނަ އަހަރު އިންޑިއާގެ ސުޕްރީމްކޯޓުން ވަނީ ސަބްސިޑީގެ ގޮތުގައި ދޭ މިންވަރު ކުޑަކޮށް، 2022 ވަނަ އަހަރާ ހަމައަށްދާއިރު ޙައްޖު ސަބްސިޑީ އެއްކޮށް ކަނޑާލުމަށް ސަރުކާރަށް އަމުރުކޮށްފައެވެ.

ސުޕްރީމްކޯޓުގެ ނިންމުމަށް އިންޑިއާގެ މުސްލިމް ޖަމާޢަތްތަކުންވެސް ތާޢީދުކުރިއެވެ. އެއީ މިސަބްސިޑީއަކީ ރިޝްވަތެއްގެ ގޮތުގައި މުސްލިމުންނަށް ދެމުންދިޔަ ފައިސާއެއްކަމަށް ބުނެ ދައްކަމުންދާ ހަޤީޤަތާއި ޚިލާފު ވާހަކަތަކުގެ ސަބަބުންނެވެ. އަނެއްކޮޅުން ސަބްސިޑީގެ ފައިދާ އެންމެ ބޮޑަށް ލިބެމުންދިޔައީ އިންޑިއާ ސަރުކާރުން ހިންގާ އެއަރ އިންޑިއާ ކުންފުންޏަށްކަމަށްވެސް އިންޑިއާގެ މުސްލިމް ލީޑަރުން ޤަބޫލުކުރެއެވެ. އެހެންކަމުން ޙައްޖު ސަބްސިޑީ ދިނުން ހުއްޓާލުމަށް މުސްލިމް ޖަމާޢަތްތަކުން މީގެކުރިންވެސް ވަނީ ގޮވާލާފައެވެ.

ޙައްޖު ސަބްސިޑީ ކަނޑާލިޔަސް އިންޑިއާއިން ހައްޖަށްދާ މީހުން މަދު ނުވާނޭކަމަށް އިންޑިއާގެ މުސްލިމް ލީޑަރުން ބުނެއެވެ. އެގޮތުން މިއަހަރު ސަތޭކަ ހަތްދިހަ ފަސް ހާހަށްވުރެ ގިނަ މީހުން އިންޑިއާއިން ޙައްޖަށް ދާނެއެވެ. މިއީ ރެކޯޑް އަދަދެކެވެ.

އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީން ހައްޖު ސަބްސިޑީއަކީ ސިޔާސީ މަންފާއެއް ހޯދުމަށް ދޭ ސަބްސިޑީއެއްކަމަށް ބުނާއިރު، ހިންދޫއިންގެ އެކި އެކި ދީނީ އެއްވުންތަކަށް އެތައް މިލިއަނެއް ފައިސާއެއް އިންޑިއާ ސަރުކާރުން ޚަރަދުކުރެއެވެ.