ކުޅިވަރު

12 އަހަރުން ދަށުގެ މުބާރާތް ބާއްވަން ހުއްދައެއް ނުދޭނަން- އެފްއޭ


ބާރަ އަހަރުން ދަށުގެ ވާދަވެރި ފުޓްބޯޅަ މުބާރާތްތައް ބާއްވަން ހުއްދަ ނުދޭން އެފްއޭއެމްއިން ނިންމަވައިފިއެވެ. 

އެއިދާރާގެ ޓްކްނިކަލް ކޮމިޓީން އެގޮތަށް ނިންމާފައިވަނީ އެއުމުރުފުރާގެ ވާދަވެރި މުބާރާތްތައް ބޭއްވުމުން ފުޓްބޯޅައިގެ މުސްތަޤްބަލަށް ނޭދެވޭ އަސަރު ކުރާކަމަށް ފާހަގަކޮށް، މުސްތަޤްބަލް ހިމާޔަތްކުރުމަށްކަމަށް އެފްއޭއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެއުމުރުފުރާއަށް ވާދަވެރި މުބާރާތްތައް ބޭއްވުމުން ސްކޫލްތަކުގެ ބެލެނިވެރިންނާއި، ފުޓްބޯޅައިގެ ތަޖުރިބާކާރުންގެ ޝަކުވާތައްވެސް ލިބެމުންދާކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ. 

އެއުމުރުފުރާގެ ކުދިންގެ މެދުގައި ވާދަވެރި މުބާރާތްތައް ބޭއްވުމަކީ ފީފާއާއި އޭއެފްސީންވެސް ތާއީދުކުރާކަމެއް ނޫންކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން ފެސްޓިވަލެއްގެ ގޮތުގައިވިޔަސް އެ އުމުރުފުރާއަށް މުބާރާތް ބޭއްވުމުގެ ހުއްދަ ނުދޭން އެފްއޭއެމްއިން ވަނީ ނިންމަވާފައެވެ. އެއުމުރުފުރާގެ މުބާރާތްތައް ބޭއްވުމުން ކުރާ ނޭދެވޭ އަސަރު ބަޔާންކޮށް ހަތް ޕޮއިންޓެއްވެސް ބަޔާނުގައި ވަނީ ހިމަނުއްވާފައެވެ. 

އެފްއޭއެމްއިން މިގޮތަށް ނިންމިއިރު ސޮކަރ ވެޓަރެންސް އެސޯސިއޭޝަނުން އަންނަނީ މާލެއާއި އަތޮޅުތަކުގައިވެސް ފެސްޓިވަލެއްގެ ގޮތުގައި އެއުމުރުފުރާ ހިމަނައިގެން މުބާރާތް ބާއްވަމުންނެވެ.



އެފްއޭއެމްއިން ފާހަގަކުރައްވާފައިވާ ކަންކަން:

- ވާދަވެރިކަން ބޮޑުވެ ކުދިން ފުޓްބޯޅަ ކުޅުމާ ދުރަށް ދިއުމަށް މަގުފަހިވުން

- ފުޓްބޯޅައިގެ ހުނަރު ދަސްކޮށްދިނުމަށްވުރެ، ފުޓްބޯޅައިގައި ހުންނަ ގޯސް އާދަތައް ކުދިންނަށް ދަސްކޮށްދިނުން.

- ހުރިހާ ކުދިންނަށް ހަމަހަމަ އުޞޫލުން ކުޅުމުގެ ފުރުޞަތު ހޯދައިނުދެވުން

- ކުދިންނަށް އެކަށީގެންނުވާވަރުގެ މެޗުތަކުން މޮޅުވުމަށް ޕްރެޝަރކުރުން

- މިއުމުރުފުރާއަށް އެކަށީގެންނުވާވަރުގެ ތަމްރީނުތައް ދިނުން.

- ކުޅުންތެރިންނަށް އަމިއްލަ ހުނަރު ބޭނުންކުރުމުގެ ފުރުޞަތު ނުލިބުން.

- ފުޓްބޯޅަ ކުޅުމުން ލިބެންޖެހޭ ހިތްހަމަޖެހުމާއި، އުފާވެރިކަން ކުދިންނަށް ނުލިބުން.