ކުޅިވަރު

މުސާރަ ބޮޑު ނުކުރާތީ ރިއާލް ދޫކޮށްލަން ރޮނަލްޑޯ އެދެފި


މުސާރަ ބޮޑު ނުކުރާތީ ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށްލަން އެދެފިއެވެ.

ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑް މިދިޔަ ސީޒަނުގައި ހޯދި ކާމިޔާބީގެ ސަބަބުން މުސާރަ ބޮޑުކޮށްދޭން އެދިފައެވެ. ޖެހިޖެހިގެން ރެއާލް ޗެމްޕިއަންސް ލީގު ދެ ފަހަރު ހޯދިއިރު މިދިޔަ އަހަރު ރެއާލް ވަނީ ޖުމުލަ ފަސް ތަށި ހޯދާފައެވެ. މުސާރަ ބޮޑުކުރަން ރޮނާލްޑޯ އެދުނު ނަމަވެސް ރެއާލްގެ ރައީސް ފްލޮރެންޓީނީ ޕްރޭޒް ވަނީ މުސާރަ ބޮޑުކޮށްދިނުމާމެދު ގޮތެއް ނިންމުން ފަސްކޮށްފައެވެ.

ރެއާލްއަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އޭނާގެ މުސާރަ ބޮޑުކޮށްދޭން އެދުނު ދެ ވަނަ ސަބަބަކީ ބާސެލޯނާއިން ލަޔޮނަލް މެސީގެ މުސާރަ ބޮޑު ކުރުމާއި، ފްރާންސްގެ ޕީއެސްޖީން ނޭމާ އަށް ބޮޑު މުސާރައެއް ދޭން ފެށުމެވެ. ނަމަވެސް ރޮނާލްޑޯގެ މުސާރަ ބޮޑުކުރަން ރެއާލްއިން ފަސްކުރާ ސަބަބުތަކެއް ވެސް އެބައޮތެވެ. އެއީ 2021 ވަނަ އަހަރާ ހަމައަށް ކުލަބުގައި ހުރުމަށް އޭނާ އެންމެ ފަހުން ސޮއިކުރި އެގްރީމަންޓަށް އަދި އަހަރެއްވެފައި ނުވުމާއި ކުޅުންތެރިޔާގެ އުމުރު މަތިވުމެވެ.

ނަމަވެސް މިކަން ރެއާލްއިން ފަސް ކުރާތީ ރޮނާލްޑޯ މިހާރު ހުރީ ކުލަބު ދޫކޮށްލަން ތައްޔާރަށް ކަމަށް އޭނާއާ ގާތް މީޑިއާތަކުން ވަނީ ބުނަން ފަށާފައެވެ. ރޮނާލްޑޯ ދާން ބޭނުންވަނީ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑަށެވެ. އެކުލަބުން އޮތީ އޭނާ ގަތުމަށް 100 މިލިއަން ޔޫރޯ ހަރަދުކޮށް އަހަރަކު 50 މިލިއަން ޔޫރޯގެ މުސާރައެއް ދޭން ތައްޔާރަށެވެ.