ޚަބަރު

ނަޖިސް ހަރުލާފައި ހުންނަ ބިސް ވިއްކުން މަނާކޮށްފި


ބޭރުތޮށި ނުސާފުކޮށް އަދި ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފިއެވެ.  

ރާއްޖެއަށް ބިސް އެތެރެކޮށް ވިއްކަން ބަހައްޓަންޖެހޭ މިންގަނޑުތަކެއް ކަނޑައަޅާ ހެލްތް މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ. މި މަހުގެ ފަނަރަވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި މި މިންގަޑުގައިވާގޮތުން ރާއްޖެއަށް އެތެރެކުރާ ބިހާއި، ބިހުގެ ބާވަތްތަކަށް ހެލްތު ކްލިއަރެންސް ދޫކުރާނީ ހެލްތު ސެޓްފިކްޓް ހުށަހެޅުމުންކަމަށެވެ. 

މީގެއިތުރުން ރާއްޖެއަށް އެތެރެކޮށް ވިއްކާ ބިހާއި ބިހުގެ ބާވަތްތައް ހުންނަންޖެހެނީ "ބަންދުކުރި  ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ  މިންގަޑާއި"  އެއްގޮތަށް ލޭބަލް ކޮށްފައިކަަމަށާއި، ފިހާރަތަކުގައި ވިއްކަން ބަހައްޓަަން ޖެހެނީ މުއްދަތު ހަމަވާ ތާރީޚު ގަންނަ ފަރާތަށް އެނގޭނެގޮތަކަށް ކަމަށްވެސް ހެލްތް މިނިސްޓްރީން ކަނޑައަޅާފައިވެއެވެ. 

ހެލްތް މިނިސްޓްރީން އަލަށް އެކުލަވާލި މިންގަޑުގައި ރާއްޖެއަށް އެތެރެކުރާ ބިސް ވިއްކަން ބެހެއްޓޭނެގޮތާއި އެންމެ ގިނަދުވަސް ވަންދެން ބިސް ވިއްކަން ބެހެއްޓޭނެ މުއްދަތުތައްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ފިނި ނުކޮށް ކުކުޅުބިސް ވިއްކަން ބެެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ އުފެއްދި ތާރީޚުން ފެށިގެން 28 ދުވަހުގެ މުއްދަތަކަށެވެ. ފިނިކޮށް ފަސް ޑިގްރީ ސެލްސިއަސްގައި ބަހައްޓާނަމަ އެ ބިސްތައް ވިއްކަން ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ އުފެއްދި ތާރީޚުން ފެށިގެން 03 މަސްދުވަސްއެވެ.  

ރާއްޖެ އެތެރެކުރާ ކުކުޅުބިސް ވިއްކުމުގެ ހުރިހާ މަރުޙަލާއެއްގައި އޭގެ ފިނިހޫނުމިން ހިފެހެއްޓިފައި ހުންނަންވާނެ ކަަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ކުކުޅުބިހުގެ ދުވަސް ހަމަވާ މުއްދަތު ދިގުކުރުމަށް ޓްރީމަންޓެއްދީގެން އިންޕޯޓްކުރާނަމަ، މުއްދަތު ދިގުކުރުމަށްޓަކައި ކޮށްފައިވާކަމެއް ބަޔާންކޮށް އެކަމުގެ ރަސްމީ ލިޔުންތައް ހުށަހަޅަންވާނެ ކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.