ޚަބަރު

ސްރީލަންކާގެ މަސްބޯޓެއް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް!


ޑިފެންސް މިނިސްޓަރި އާދަމްޝަރީފް ޢުމަރު ފާހަގަކުރެވެނީ ދިވެހި އަސްކަރިއްޔާއާއި ވަރަށް ގާތުން މަސައްކަތްކުރައްވައި އަސްކަރިއްޔާ ހަރުދަނާކޮށް ވަރުގަދަކުރުމަށް ގިނަމަސައްކަތްތަކެއް ކުރައްވާ ބޭފުޅެއްގެގޮތުގައެވެ. އެގޮތުން ސިފައިން ހިންގާ ތަފާތު އޮޕަރެޝަންތައް ބައްލަވައިލައްވައި، ބައެއްކަންކަމުގައި ޢަމަލީގޮތުންވެސް މިނިސްޓަރު ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން ކޯސްޓް ގާރޑް ޝިޕް ހުރަވީގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި މިނިސްޓަރުވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. މި އޮޕަރޭޝަނުގައި ވަނީ ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފައެވެ. ޤަވާއިދާ ޚިލާފަށް ރާއްޖެ ސަރަޙައްދަށް ވަދެއުޅުނު މި ބޯޓް އަތުލައިގަތުމުގެ  އޮޕަރޭޝަނަށްފަހު ޑިފެންސް މިނިސްޓަރ ވަނީ ޕީ.އެސް.އެމް ނިއުސްއަށް ޚާއްސަ އިންޓަވިއެއް ދެއްވާފައެވެ.

img:http://s2.psmnews.mv/images/660x400/15164598996498.jpg|ކޯސްޓްގާޑް ޝިޕް ހުރަވީން ހިންގި އޮޕަރޭޝަނުގައި ޑިފެންސް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ -

ކޯސްޓްގާޑްގެ ޝިޕް ހުރަވީން ހިންގި ޚާއްސަ އޮޕަރޭޝަނުގައި އަތުލައިގަތީ "ޖައިވީ 07" ނަމަކަށް ކިޔާ ބޯޓެކެވެ. މިބޯޓު ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން ފެނިފައިވަނީ ހއ.ތުރާކުނުގެ ހުޅަނގު އުތުރުން 42 ނޯޓިކަލް މޭލު ބޭރުންނެވެ. 

މިއީ ޤަވާއިދާއި ޚިލާފަށް ރާއްޖެ ސަރަހައްދަށް ވަދެއުޅުނު ސްރީ ލަންކާގެ މަސްބޯޓެކެވެ. ކޯސްޓްގާޑްގެ ސިފައިންގެ ބެލުމުގެ ދަށަށް މިބޯޓު ގެންދިޔަ އޮޕަރޭޝަނުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، މިނިސްޓަރު އާދަމް ޝަރީފް ޢުމަރަށް ކުރެއްވުނު ތަޖުރިބާ ޕީ.އެސް.އެމް ނިއުސްއާ ޙިއްޞާކުރެއްވިއެވެ. 

ފޯނު އިންޓަވިއުއެއްގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ، މި އޮޕަރޭޝަނުގައި އެމަނިކުފާނު ބައިވެރި ވެވަޑައިގެންނެވީ، ދިވެހިރާއްޖޭގެ ޚާއްޞާ އީޤްތިސާދީ ސަރަހައްދާއި، ރާއްޖޭގެ މަސްކަނޑުތަކަކީ، ދިވެހި މަސްވެރިންނަށް ސަލާމަތާއި ރައްކާތެރިކަން އޮތް މަސްކަނޑުތަކަކަށް ހެދުމަށް ދިވެހި ސިފައިން ކުރަމުންދާ ބުރަ އަދި ހިތްވަރުފަދަ މަސައްކަތަތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންކަމަށެވެ. 

img:http://s4.psmnews.mv/images/660x400/15164599229496.jpg|ކޯސްޓްގާޑް ޝިޕް ހުރަވީން ހިންގި އޮޕަރޭޝަނުގައި ޑިފެންސް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ -

ރާއްޖޭގެ ހުޅަނގުގެ ކަނޑުގެ ސަރަހައްދުން ފަސްސަތޭކައަށްވުރެ ބޮޑު ސަރަޙައްދެއް ބަލައިފާސްކޮށް ސިފައިން ހިންގި މި މިޝަންގައި ސްރީލަންކާގެ މަސްބޯޓެއް އަތުލައިގަތުމުގައި ދިވެހި ސިފައިން ރެއާއި ދުވާލު ގަދަ އަތްވާއި ބިޔަރާޅުތަކާއި ވާރޭގެ ތެރޭގައި ކުރި ހިތްވަރުގަދަ މަސައްކަތް ވަރަށް ރަނގަޅަށް ފެނިވަޑައިގަތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ކޯސްޓްގާޓް ފްލީޓްގައި ހިމެނޭ މައި އުޅަނދުކަމުގައިވާ ޝިޕް ހުރަވީން ހިންގި މި އޮޕްރޭޝަނުގައި އެންމެބޮޑަށް ފާހަގަކުރެވުނީ އެޝިޕްގައި ޙަރަކާތްތެރިވާ ކޮންމެ އޮފިސަރަކީވެސް ވަރަށް ކެރޭ، ޤާބިލު ޖެހިލުންކުޑަ ފަހުލަވާނެއްކަން ކަމުގައި ޑިފެންސް މިނިސްޓަރ ވިދާޅުވި. 

img:http://s3.psmnews.mv/images/660x400/15164599757432.jpg|ކޯސްޓްގާޑްގެ ޝިޕް ހުރަވީން ހިންގި ޚާއްސަ އޮޕަރޭޝަނުގައި އަތުލައިގަތް ސްރީލަންކާގެ ބޯޓު "ޖައިވީ 07" -

ދިވެހި ސިފައިންނަކީ، އެމީހުންގެ ބެލުމުގެދަށަށް ގެންނަ ބަޔަކު އަމުރަށް ކިޔަމަންވާ ޙާލަތްތަކުގައި ފަރުވާތެރިކަމާއި އޯގާތެރިކަމާއެކު އެބަޔަކާމެދު ޢަމަލުކުރާ ޕްރޮފެޝަނަލް ބައެއްކަން ހާމަވިކަމަަށާއި، މިފަދަ ގިނަ ސަބަބުތަކާއި ގުޅިގެން ކޯސްޓްގާޑްގެ މި އޮޕަރޭޝަނުގައި ބައިވެރިވެވުމުން ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގެން ހުންނެވިކަން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ސިފައިންނަށް ކުރައްވާ އިތުބާރާއި އިޙްތިރާމް ކުރިއަށްވުރެވެސް ބޮޑުވެގެން ދިޔަކަމަށާއި، މިހާރަށްވުރެއް ބޮޑަށް އަސްކަރިއްޔާގެ ވަސީލަތްތައް އިތުރުކޮށް ވަރުގަދަކުރަން ޖެހޭކަން ފާހަގަކުރެވުނުކަމަށްވެސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ. 

އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއަށް "ޖައިވީ 07" ފެނުނުއިރު، ސްރީލަންކާގެ ދިދައެއް ނަގާފައި ހުއްޓެވެ. މިބޯޓުގައި އެޤައުމުގެ މަސްވެރިންގެ 6 މީހަކު ތިއްބިކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ. މިބޯޓް މިހާރުވަނީ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން ހއ.އަތޮޅަށް ގެންގޮސްފައެވެ.