ޚަބަރު

ސްކޮލަޝިޕްތަކަށް ދަރިވަރުންގެ ފަރާތުން ބޮޑު ތަރުޙީބެއް


މަތީ ތައުލީމް ހާސިލުކުރުމަށް ހުޅުވާލި 2050 ސްކޮލަރަޝިޕަށް އެދި މިހާތަނަށް ދުއިސައްތަ ފަންސާސްހަށް ވުރެ ގިނަ ކުދިން އެޕްލިކޭޝަން ހުށައަޅާފައިވާކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެފި. 2050 ސްކޮލަރޝިޕްގައި ދިހަ ދާއިރާއަކުން ކިޔެވުމަށް ފުރުސަތުވަނީ ހުޅުވާލާފައެވެ. 

ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކާއި، ޒުވާނުން ބިނާކޮށް ބާރުވެރި ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ އެންމެ ބޮޑު އެއް އަމާޒުއެވެ. ޒުވާނުންނަށް އެކި ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޔާމީން ގެންދަވަނީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ރާއްޖޭގެ ތަރައްޤީއާ ގުޅޭ ދާއިރާތަކުން ޒުވާނުންނަށް މަތީ ތަޢުލީމު ދިނުމަށް ކުރައްވާ މަސައްކަތްޕުޅުތަކެވެ.

މި ސިޔާސަތުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަތީ ތަޢުލީމަށް ކިޔެވުމަށް ބޭނުންވާ ޒުވާނުންނަށް އެފުރުސަތު ފަހިކޮށްދީފައެވެ. އެގޮތުން މަތީ ތައުލީމު ހާސިލްކުރުމަށް 2050 ސްކޮލަޝިޕަށް ކުރިމަތިލިމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ސްކޮލަރތަކަށް ދަރިވަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ސްކޮލަރިޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލުމާއެކު ތަފާތު އެކި ކޯސްތަކަށް ދަރިވަރުން އެދެމުންދާ މިންވަރު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާ ކަމަށެވެ. ޑރ. ނަޒީރު ވިދާޅުވީ، ސްކޮލަރިޝިޕަށް ހުޅުވާލި ފުރަތަމަ ހަފްތާގައި ގިނަ އަދަދެއްގެ ދަރިވަރުން އެޕްލިކޭޝަން ފޯމު ނަގާފައިވާކަމަށާއި 250 އަށްވުރެ ގިނަ ދަރިވަރުން މިހާތަނަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް ލިބޭ އެޕްލިކޭޝަންސްތައް ޕްރޮސެސްކޮށްފަ އެ ޕްރޮސެސް ވާވަރަކުން ކުދިންނަށް ފުރުސަތު ހަމަޖައްސަމުން މިދަނީ، މިދިޔަ ހަފްތާގަ ވަރަށް ބާރުބޮޑު، މިދިޔަ ފަހްތާގަ އެކަނިވެސް ގާތްގަނޑަކަށް 250 އަކަށް ކުދިން އެޕްލިކޭޝަން ހުށަހެޅި، ދެން މި ހަފްތާއާއެކީގަ އަޅުގަނޑުމެން މިބަލަނީ ވަރަށް ގިނަ ކުދިން އެފުރުސަތުތަކުގެ ބޭނުން ކުރާނެ ކަމަށް." ޑރ. އަބްދުﷲ ނަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ހިގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ޢަމާޒުކޮށްގެން ފަންނީ ދާއިރާއިން މީހުން ތަމުރީންކުރުމަށް ސަރުކާރުން ދޭ 2050 ސްކޮލަރޝިޕްގެ ތެރޭގައި ދިހަ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އޭގެތެރޭގައި ތަޢުލީމީ ދާއިރާއާއި، ސިއްޙީ ދާއިރާއާއި، ވިޔަފާރިއާއި ޤާނޫނީ ދާއިރާއާއި، އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއާއި، ކޮންސްޓްރަކްޝަން ދާއިރާއާއި އިންޖިނިއަރިން ދާއިރާއާއި، ސޯޝަލް ސައިންސާއި ނޫސްވެރިކަމާއި، އާޓްސް އެންޑް ހިއުމެނިޓީސްއާއި، ދަނޑުވެރިކަމާއި މަސްވެރިކަމާއި ގުޅުންހުރި ދާއިރާތައް ހިމެނެއެވެ. އެންމެ ގިނަ ކޯސްތައް ޢަމާޒުކޮށްފައިވަނީ އިންފޯރމޭޝަން ޓެކްނޮލޮޖީއާއި، ސިއްޙީ ދާއިރާއާއި، ކޮންސްޓްރަކްޝަން އަދި އާއްމު އެކިއެކި ދާއިރާތަކުން ހުޅުވާލާފައިވާ ކޯސްތަކަށެވެ. އެގޮތުން ސިއްހީ ދާއިރާއިން 400 ފުރުސަތާއި، އައިޓީ ދާއިރާއިން 325 ފުރުސަތާއި، ކޮންސްޓްރަކްޝަން ދާއިރާގެ 350 ފުރުސަތާއި، ތަޢުލީމީ ދާއިރާގެ 170 ފުރުސަތާއި އާއްމު އެކިއެކި ދާއިރާތަކުން 350 ފުރުސަތު ހިމެނެއެވެ. މި ސްކޮލަރޝިޕް ފުރުސަތުގެ ދަށުން ކޯހާއި، ކޮލެޖަށް ނުވަތަ ޔުނިވަރސިޓީއަށް ދައްކަން ޖެހޭ ޓިއުޝަންފީތައްވެސް ދައްކާގޮތަށް ހަމަޖެހިފައިވަނީ ސަރުކާރުންނެވެ. 

ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކިޔެވުމުގެ ފުރުސަތު ހުޅުވާލަފައިވާ 2050 ސްކޮލަރޝިޕް އިފްތިތާޙްކޮށްފައިވަނީ މިދިޔަ މަހުގެ 21ވަނަ ދުވަހުއެވެ. އަދި މި ސޮކްލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ.

"ޕްރޮމޯޓިން ސްކިލްސް ފޯރ ދަ ފިއުޗަރ" ނަމުގައި ހުޅުވާލާ މި ސޮކލަރޝިޕްތަކުގެ ދަށުން ހިމަނާފައިވާނީ ސެޓްފިކެޓް ލެވެލްގެ 1200 ފުރުސަތާއި ޑިޕްލޮމާ ލެވެލްގެ 850 ފުރުސަތެވެ.