ޚަބަރު

އެމްޕީއެލްގެ 3 ޓަވަރުގެ ޢަމަލީ މަސައްކަތް ފަށައިފި


ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢު "ހިޔާ"ގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ސަރުކާރުން ދީފައިވާ ތިންޓަވަރު ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ހިޔާ މަޝްރޫޢަކީ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޮރުކޮށްދިނުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ ފަށްޓަވާފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެދަށުން ކުންފުނިތަކަށް ޢަމާޒުކޮށްގެން 36ޓަވަރު ޢިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ. 

ކުންފުނިތަކުގެ މުވައްޒަފުންނަށް ޢަމާޒުކޮށްގެން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢު "ހިޔާ މަޝާރޫއު"އަކީ ސަތޭކަ ހާސް މީހުންގެ އާބާދީއަކަށް ޢަމާޒުކޮށްގެން ކުރުއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެދަށުން ޓަވަރު ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާ ފުރަތަމަ ކުންފުންޏަކީ އެމްޕީއެލްއެވެ. ހުޅުމާލެ ދެވަނަ ފިިޔަހީގައި ކުރިއަށް ގެންދާ މި މަޝްރޫޢުގައި އެމްޕީއެލްއަށް ސަރުކާރުންވަނީ ތިން ޓަވަރު ދިނުމަށް ހަމަޖައްސާފައެވެ. މިއީ ސާދަ ފަންގިފިލާގެ ތިން ޓަވަރެވެ.

އެމްޕީއެލްގެ ތިން ޓަވަރުގައި ހިމެނެނީ އެއްކޮޓަރީގެ އެޕާޓްމަންޓްތަކާއި ތިން ކޮޓަރީގެ އެޕަރަޓްމަންޓްތަކެވެ. އެގޮތުން އެއްކޮޓަރީގެ 204 ހައުސިންގ ޔުނިޓާއި، ތިން ކޮޓަރީގެ 330 ހައުސިންގ ޔުނިޓާއި އެކު ޖުމްލަ 534 ޔުނިޓް އެޅުމަށް ހަމަޖެހިފައިވެއެވެ.

އެމްޕީއެލް ތިން ޓަވަރުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެކުންފުނީގެ ސީއީއޯ އިބްރާޙީމް އަބްދުލް ރައްޒާޤް ޙަލީމް ވިދާޅުވީ ޤައުމު ބިނާކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރަނީި ކުންފުނިތަކުގެ މުޢައްޒަފުންމަކަށެވެ. އަދި މި މަޝްޢޫއާއެކު މުވައްޒަފުންނަށް އުފާވެރިކަން ލިބިއްޖެކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

" ފްލެޓްގެ އަގުތައް ނިންމާނީ ވީހާވެސް ރައްޔިތުންގެ ޖީބަށް ލުއިވާނެހެން. އަދި ޔުނިޓްތައް ނިމެމުންދާވަރަކަށް ގެންދާނީ ޔުނިޓްތަކުގެ ވެރިފަރާތްތަކާ ޙަވާލުކުރަމުން. މީގެއިތުރުން ފްލެޓަށް ޑައުންޕޭމަންޓް ދެއްކުމުގައިވެސް ފަސޭހަ ލުއި ގޮތްތަކެއް ހަމަޖައްސައިދޭނަން." އިބްރާހީމް ޢަބްދުލް ރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

އިބްރާހީމް ޢަބްދުލް ރައްޒާޤް ޙަލީމް ވިދާޅުވީ ތިންޓަވަރުގެ ފަސް ފަންގިފިލާގެ މަސައްކަތް އޮގަސްޓްމަހުގެ ނިޔަލަށް ނިންމާނެކަމަށެވެ.

އެމްޕީއެލްގެ މުވައްޒަފުންވަނީ މި ސަރުވާކާރުން ކުންފުނިތަކުގެ މުވައްޒަފުންނަށް ޢަމާޒުކޮށްގެން ހިންގާ ހިޔާ މަޝްރޫޢުއާއިމެދު އޮތް އުންމީދު ބޮޑުކަން ފާހަގަކޮށްފައެވެ. އަދި މިކަން ހަޤީގަތަކަށް ވަމުން އަންނަތަން ފެނުމަކީ ހުވަފެނެއް ހަޤީގަތަކަށްވެގެން އައުންކަހަލަ ކަމެއްކަން ފާހަގަކޮށްފައެވެ. އެމްޕީއެލްގައި 1700 މުވައްޒަފުން ތިބެއެވެ. 

ހިޔާ މަޝްރުޢުގެ ސަބަބުން ސަރުކާރުގެ ގިނަ ކުންފުނިތަކާއި، އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އެފަރާތްތަކުގެ ޢާއިލާތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެއެވެ.