ދުނިޔެ

ޖަޕާނުގައި ހުންނަ އެއިޖިސް ނިޒާމާމެދު ރަޝިޔާ ކަންބޮޑުވޭ


ޖަޕާނުގައި އެމެރިކާ ޤާއިމުކޮށްފައިވާ މިސައިލް އައްޑަނައިގެ ނިޒާމަށް ރަޝިޔާއިން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް ވިދާޅުވީ ޖަޕާނުގައި އެމެރިކާއިން ޤާއިމުކޮށްފައިވާ އެއިޖިސް މިސައިލް އައްޑަނައިގެ ނިޒާމަކީ، ދިފާޢީ ނިޒާމެއްގެ އިތުރުން، ހަމަލާދިނުމަށްވެސް ބޭނުންކުރެވޭނެ ނިޒާމެއްކަމަށާއި މިއީ ދުރު އިރުމަތީ އޭޝިޔާގެ އަމަނާއި ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. އެމެރިކާއިން ޖަޕާނުގައި މި ނިޒާމު ޤާއިމުކޮށްދީފައިވަނީ އުތުރުކޮރެޔާއިން އަތުވެދާނެ މިސައިލް ހަމަލާއަކުން ޖަޕާން ދިފާއުކުރުމުގެ ބޭނުމުގައެވެ.

ނަމަވެސް ރަޝިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެ ނިޒާމުގެ ސަބަބުން ރަޝިޔާ އާއި ޖަޕާންގެ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށާއި، މައިގަނޑު ދެ ބޭނުމެއް ކުރެވޭ އެ ނިޒާމުގެ ޙަޤީޤީ މަޤްޞަދާމެދު ބޮޑެތި ސުވާލުތަކެއް އުފެދޭކަމަށެވެ.

ޖަޕާނުން ބުނީ އެއިޖިސް ނިޒާމު އޮޕަރޭޓްކުރާނީ ޖަޕާން ސިފައިންކަމަށާއި އެކަމުގައި އެމެރިކާގެ ދައުރެއް ނޯންނާނެކަމަށެވެ. މިއީ ރަޝިޔާގެ ކަންބޮޑުވުންތައް ނައްތާލުމުގެ ގޮތުން ޖަޕާނުން ބުނާ ބުނުމެއްކަމަށް ރަޝިޔާއިން ދެކެއެވެ.

ޖަޕާނަކީ ދިފާޢީ ކަންކަމުގައި އެމެރިކާއަށް ބަރޯސާވާ ޤައުމެކެވެ. އެހެންކަމުން ރަޝިޔާއަށް އަސްކަރީގޮތުން ފިއްތުންތައް ކުރިމަތިކުރުމަށް އެމެރިކާއިން ޖަޕާނުގެ ބިން ބޭނުންކޮށްފާނެތީ ރަޝިޔާ ކަންބޮޑުވެއެވެ.