ޒުވާނުންނަށް ބޭނުންވާ މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބޭރުގެ 4 ޔުނިވަރސިޓީއަކުން ސްކޮލަރޝިޕްގެ ފުރުޞަތު ހޯދުމާއިގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީއާއެކު އެއްބަސްވުން ތަކެއްގައި ސޮއިކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޝިހާމެވެ.
ރާއްޖެއަށް މަތީ ތަޢުލީމްގެ ސްކޮލަރޝިޕްތަކުގެ ފުރުޞަތު ހޯދައިދިނުމަށް ސޮއި ކުރީ މެލޭޝިއާގެ ދެ ޔުނިވަރސިޓީ އާއި އިންޑިޔާ އާއި ސްރީލަންކާގެ ޔުނިވަރސިޓީއަކާއެކުއެވެ. ސޮއިކުރި މެލޭޝިޔާގެ ދެ ޔުނިވަރސިޓީއަކީ ޔޫ.ސީ.އެސް.އައި ޔުނިވަރސިޓީއާއި މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވަރސިޓީއެވެ. އަދި އިންޑީޔާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީއާއި ސްރީލަންކާގެ އީސޮފްޓް މެޓްރޯ ކެމްޕަސް ޕްރައިވެޓް ލިމިޓެޑާއެކުވެސް ވަނީ ސޮއިކޮށްފައެވެ.
އެމް.އޯ.ޔޫ.ތަކުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ މި އެމްއޯޔޫތަކުގެ ދަށުން ރާއްޖެއަށް ފުލް ސްކޮލަރޝިޕް އާއި ޓިއުޝަން ފީ އިން ޑިސްކައުންޓް ލިބޭ ޕާރޝަލް ސްކޮލަރޝިޕްތަކާއި އެހެނިހެން އެހީތެރިކަންވެސް ލިބޭނެކަމަށެވެ.
"އެމް.އޯ.ޔޫ ތަކުގައި ސޮއިކޮށްފައިވާ ޔުނިވަރސިޓީއަކަށް ދައްކަންޖެހޭ ފީ ހިލޭ ކުރެވިފައިވާ 230 ސްކޮލަރޝިޕް އާއި ޓިއުޝަން ފީ އިން ޑިސްކައުންޓްލިބޭ 1095 ޕާރޝަލް ސްކޮލަރޝިޕް މި އެމް.އޯ.ޔޫ ތަކުގެ މުއްދަތުގެ ތެރޭގައި މި ޔުނިވަރސިޓީތަކުން ދިވެހިރާއްޖެއަށް ލިބިގެންދާނެ" އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަތީ ތަޢުލީމަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިއްމު ދާއިރާއެއްކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ހުރިހާ ޒުވާނުންނަށާއި ސްކޫލް ނިންމާ ދަރިވަރުންނަށް މަތީ ތަޢުލީމް ކަށަވަރު ކޮށްދިނުމަށެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ 4 ޔުނިވަރސިޓީއާއެކު ސޮއިކުރި ނަމަވެސް އިތުރު ޔުނިވަރސިޓީތަކާއެކު ސްކޮލަރޝިޕް ފުރުސަތުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ސްރީލަންކާގެ ޔުނިވަރސިޓީއާއެކު އެއްބަސްވެވިފަ އޮތީ. އެ ޔުނިވަރސިޓީންވެސް ރާއްޖެއަށް އެމްބީބީއެސް 10 ފުރުޞަތު ތަކެއް ލިބޭނެ. މެލޭޝިޔާގެ ޔުނިވަރސިޓިންވެސް އެމްބީބީއެސް ހެދުމުގެ ފުރުޞަތު ލިބިގެންދާނެ" ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވިއެވެ.
މިއަދު ސޮއި ކުރި ޔުނިވަރސިޓީތަކަކީ މިހާރުވެސް ދިވެހި ދަރިވަރުން އެތަންތަނުގައި ކިޔަވަމުންދާ ޔުނިވަރސިޓީތަކެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެގޮތުން އިންޑިޔާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީގައި މިހާރުވެސް 12 ދަރިވަރުން ދަނީ ކިޔަވަމުންނެވެ. އަދި މެލޭޝިއާގެ ޔޫ.ސީ.އެސް.އައި ޔުނިވަރސިޓީގައި 4 ދަރިވަރުންނާއި މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވަރސިޓީގައި ވެސް 4 ދަރިވަރުން ކިޔަވަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.