ޚަބަރު

32 ކުދިންގެ ބޯން މެރޯ ހަދަން ނިންމާ، ލިޔުން ހަވާލުކޮށްފި


ޒަކާތު ފަންޑުންގެ ހިލޭ އެހީގެ ދަށުން މިއަހަރު 32 ކުދިންގެ ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ނިންމާ އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ. ލިޔުން ހަވާލުކޮށްދެއްވީ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ އަނބިކަނބަލުން ފާތިމަތު އިބްރާޙިމްއެވެ.



މިއެހީގެ ދަށުން ކޮންމެ ކުއްޖަކަށް ގާތްގަޑަކަށް 9 ލައްކައާއި 1 މިލިއަން ރުފިޔާ ޚަރަދު ކުރުމަށްވަނީ ހަމަޖައްސަވާފައެވެ. މީގެ ތެރޭގައި ހިމެނެނީ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ޚަރަދާއި 4 މީހެއްގެ ދެކޮޅު ޓިކެޓާއި އެ އެންމެންގެ 3 މަސްދުވަހުގެ ހުރުމެވެ. އަދި އޮޕަރޭޝަނަށްފަހު އިތުރު ފަރުވާ ބޭނުންވާނަމަ، އެޚަރަދުވެސް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ - އެންސްޕާއިން ހަމަޖައްސައިދޭ ގޮތަށް ވަނީ ކަނޑައަޅުއްވާފައެވެ.

ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން 2016 ވަނަ އަހަރުވެސް 6 ކުއްޖަކަށް ބޯން މެރޯ ހެދުމަށް ފުރުޞަތު ދީފައިވެއެވެ. އަދި 2015 ވަނަ އަހަރު 19 ކުއްޖަކަށް ބޯން މެރޯ ހެދުމުގެ ފުރުޞަތު ދީފައިވެއެވެ. ޒަކާތު ފަންޑުން 2015 އަދި 2016 ވަނަ އަހަރު ބޯން މެރޯ ހެދުމަށް 19.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

img:http://s3.psmnews.mv/images/660x400/15159961969660.jpg|ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް، މިއަހަރު ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ނިންމި ކުއްޖަކަށް އެކަމުގެ ލިޔުން ހަވާލުކޮށް ދެއްވަނީ - ފޮޓޯ: ޕީއެސްއެމް ނިއުސް

މި 5 އަހަރުގެ ތެރޭގައި މަދުވެގެން 25 ކުދިންނަށް ސަރުކާރުގެ ޚަރަދުގައި ބޯން މެރޯ ޓްރާންސްޕްލާންޓް ކުރެވޭނެ ގޮތް ހަމަޖައްސަވާ ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިންގެ ރިޔާސީ ވަޢުދުފުޅެކެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ފުރަތަމަ 3 އަހަރު ނިމުނުއިރު މި ވަޢުދު ފުރިހަމަ ކުރައްވާފައިވާ ކަން ފާހަގަކުރެވެއެވެ. އަދި މިއަދު ލިޔުން ހަވާލުކުރި ކުދިންނާއެކު ސަރުކާރުގެ ޚަރަދުގައި ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވި ކުދިންގެ އަދަދުވަނީ 55 ކަށް އަރާފައެވެ.