ޚަބަރު

ތ.ހިރިލަންދޫ އައިސްޕްލާންޓްގެ ޚިދުމަތް ދޭން ތައްޔާރުވަނީ


ތ.ހިރިލަންދޫ އައިސްޕްލާންޓްގެ މަސައްކަތް ނިންމައި ޚިދުމަތް ދޭން ތައްޔާރު ވަމުން އަންނަކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ. 

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ބުނީ އައިސްޕްލާންޓްގެ ޚިދުމަތް ދިނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށާއި، މިހާރު ކުރިއަށްދަނީ އައިސް ޕްލާންޓަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކަމަށެވެ. މި ޕްލާންޓްގެ ޚިދުމަތް ދިނުމުގެ ކުރިން ޓެސްޓް ކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. 

ފިޝަރީޒް މިނިސްޓްރީން އެރަށުގައި އައިސްޕްލާންޓް ހަދާފައިވަނީ މިފްކޯއާ ހަވާލު ކޮށްގެންނެވެ. މި މަސައްކަތް އެކުންފުންޏާ ފިޝަރީޒް މިނިސްޓްރީން ހަވާލުކުރީ 2014 ވަނަ އަހަރުއެވެ. ދުވާލަކު 25 ޓަނުގެ އައިސް އުފެއްދޭ މި އައިސްޕްލާންޓް ހެދުމަށް 3 މިލިޔަން ރުފިޔާ ޚަރަދުވެފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. 

ކޮޅުމަޑުލު ހިރިލަންދުއަކީ ތ. އަތޮޅުގެ ރަށްތަކުގެ ތެރެއިން އެންމެ މަސްވެރި އެއް ރަށެވެ. އެރަށުގައި 9 މަސްދޯނި އޮންނައިރު ހިރިލަންދޫ ފާހަގަ ކުރެވެނީ ފުޅާދާއިރާއެއްގައި ހިކިމަސް އުފައްދާ ރަށެއްގެ ގޮތުގައެވެ.