ވިޔަފާރި

މޯލްޑިވިއަނުން 56 ގޮނޑީގެ މަތިންދާ ބޯޓެއް ގެންނަނީ


ފަންސާސް ހަ ގޮނޑީގެ މަތިންދާ ބޯޓެއް އަންނަ މަހު މޯލްޑިވިއަންގެ ޕްލީޓާއި ގުޅޭނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ ގެނައުމަށް މަސައްކަތްކުރަމުންދާ މި މަތިންދާބޯޓަކީ ޑޭޝް އެއިޓް މަރުކައިގެ ބޯޓެކެވެ. މި ބޯޓާ އެކު މޯލްޑިވިއަންގައި ބޭނުންކުރާ ޑޭޝް އެއިޓް މަރުކައިގެ ބޯޓުތަކުގެ އަދަދު ދިހަޔަކަށް އަރާނެއެވެ.

މޯލްޑިވިއަންގެ ސީ ޕްލޭން ފްލީޓު އިތުރަށް ފުޅާ ކުރުމަށްޓަކައި މިއަހަރުތެރޭ އިތުރު ސީ ޕްލޭންތައް ރާއްޖެއަށް ގެނައުމަށް ރާވާފައިވާ ކަމަށްވެސް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. ދާދި ފަހުންވެސް މޯލްޑިވިއަނުންވަނީ އެކުންފުނީގެ ސީ ޕްލޭން ފްލީޓަށް އިތުރު ދެ ބޯޓެއް ގެނެސްފައެވެ. އެ ދެ ބޯޓާއި އެކު މޯލްޑިވިއަންގެ ސީ ޕްލޭން ފްލީޓުގައި ހިމެނޭ ބޯޓުތަކުގެ އަދަދު ވަނީ ބާރައަށް އަރާފައެވެ.

މޯލްޑިވިއަނުން ދަނީ ދުނިޔޭގެ އެކި ހިސާބުތަކަށް އެކުންފުނީގެ ދަތުރުތައް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަހަރުތެރޭ ޗައިނާގެ އިތުރު މަންޒިލަކަށް އަދި ސައުތު އެފްރިކާއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިކަމަށްޓަކައި، އޭ ތްރީ ތަރޓީ މަރުކައިގެ މަތިންދާ ބޯޓެއް ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އައިލޭންޑް އޭވިއޭޝަނުން ބުނެއެވެ.