ޚަބަރު

63 ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިން ދަސްވެނިވެއްޖެ


ސިފައިންގެ ޚިދުމަތާ އަލަށް ގުޅުނު ސިފައިން ތަމްރީނު ކުރުމަށް އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ހިންގި 63 ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިން ދަސްވެނި ވެއްޖެއެވެ. ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް ތައްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ ދިވެހި އަސްކަރިއްޔާއަކީ ޤާނޫނު އަސާސީއާއި ސިފައިންގެ ޤާނޫނު ލާޒިމުކުރާ މަސްއޫލިއްޔަތު މުސްތަޤިއްލު ގޮތެއްގައި ވަރަށް ފުރިހަމަކަމާއެކު އަދާ ކުރައްވާ މުއައްސަސާއެއްކަމަށެވެ. އަދި ދިވެހި ފަޚުރުވެރި ސިފައިންނަކީ ދިވެހި ޤައުުމުގެ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމުގައި އެންމެ ވަރުގަދަ އައްޑަނަ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވެވިއެވެ. އިތުރަށް ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ސިފައިންނަކީ ޤައުމީ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގައި، އަމިއްލަ ފުރާނައަށްވުރެ ޤައުމު އިސްކޮށްގެން މި ޤައުމުގެ މިނިވަންކަމަށްޓަކައި މަސައްކަތްކުރަންތިބި މި ޤައުމުގެ އެންމެ ފަޚުރުވެރި ލަޝްކަރު ކަމަށެވެ.

img:http://s1.psmnews.mv/images/660x400/15159080953921.jpg|63 ވަނަ އަސާސީ ތަމްރީން ކޯހުގެ ބައިވެރިއަކަށް މިނިސްޓަރ އޮފް ޑިފެންސް ތަށި ހަވާލުކޮށް ދެއްވަނީ - ފޮޓޯ: އެމްއެންޑީއެފް

63 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް މުޙައްމަދު ނިޔާޒްއެވެ. މިކޯހުގައި އަމާޒަށް ބަޑިޖެހުމުން އެއްވަނަ ހޯދައިގެން މޭޖަރ އިނގިރޭސި އުމަރު މަނިކުގެ އެވޯޑް ހާސިލްކޮށްފައިވަނީ ޕްރައިވެޓް އަބްދުﷲ އަބާންއެވެ. ހެވިކަމަށް އެންމެ މޮޅު ދަރިވަރަކަށްދޭ ކޮމާންޑަރ އިސްމާޢީލް ދީދީގެ އެވޯޑް ހާސިލްކޮށްފައިވަނީ ޕްރައިވެޓް ތޯޙާ މާދް އެވެ. ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަކަށް ދޭ ކޮމާންޑަރ މޮޓަރ ހަސަން މަނިކުގެ އެވޯޑް ޕްރައިވެޓް ޢަލީ ނަޖާޝީ ނިޒާރު ހާސިލްކޮށްފައިވާއިރު މަޒުމޫނު ލިޔުމުން އެއްވަނަ ހޯދައިގެން މޭޖަރ ރިޓަޔަރޑް ޙުސައިން ޝާކިރުގެ އެވޯޑް ހާސިލްކޮށްފައިވަނީ ޕްރައިވެޓް ނިޢުމާ ޢަބްދުއްރަޙްމާނެވެ.



އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރުގެ އިތުރުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު ޝިހާމްއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމާއި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުޙައިރާއި ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ ސީނިއަރ އޮފިސަރުންގެ އިތުރުން ކޯހުގެ މުދައްރިބުންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.