ޚަބަރު

ސިފައިންގެ ލަޝްކަރަށް 100 ސިފައިން އިތުރު ކުރަނީ


ދިވެހި ސިފައިންގެ ލަޝްކަރު އިތުރަށް ވަރުގަދަ ކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން ސިފައިންގެ ޚިދުމަތަށް އިތުރު މީހުން ވެއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާލުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ، 63 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ގިރިފުށީގައި ބޭއްވި މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ދިވެހި ސިފައިންގެ ލަޝްކަރު އިތުރަށް ވަރުގަދަ ކުރުމަށް، ސިފައިންގެ ލަޝްކަރުގެ ޚިދުމަތަށް އިތުރު 100 މީހުން އަލަށް ވެއްދުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސިފައިންގެ ހިތްތައް ޖަރީވެފައިވަނީ ނިޔަނެތިކަމާއި، ކިޔަމަންތެރިކަމުގެ މަތިވެރި ގަހަނާއިންކަމަށާއި، ސިފައިންނަކީ މީހުންނާމެދު ހެޔޮކޮށްހިތާ ހިތް މަޑުމޮޅިކަމާއެކު އެހީތެރިކަމުގެ އަތްތައް ފޯރުކޮށްދިނުމަށް ތިބޭ ބައެއް ކަމަށެވެ.

63 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރުގެ އިތުރުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު ޝިހާމްއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމާއި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުޙައިރާއި ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ ސީނިއަރ އޮފިސަރުންގެ އިތުރުން ކޯހުގެ މުދައްރިބުންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.