ޚަބަރު

ރައީސް ޔާމީން، ދިރާސީ އާ އަހަރުގެ ތަހުނިޔާ ފޮނުއްވައިފި


ދިރާސީ އާ އަހަރުގެ ތަހުނިޔާ ދަރިވަރުންނާއި، މުދައްރިސުންނަށާއިި ބެލެނިވެރިންނަށް ޕްރޮގްރެސިވް ޕާޓީއޮފް މޯލްޑިވިސްގެ މުސްތަޝާރު އަދި ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ފޮނުއްވައިފިއެވެ.

ދިރާސީ އާ އަަހަރު ފެށުމުގެ މުނާސަބަތުގައި ޕްރޮގްރެސިވް ޕާޓީއޮފް މޯލްޑިވިސް، ޕީޕީއެމްއިން ނެރުނު ނޫސް ބަޔާނުގައި ވަނީ، އެޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެ ޕާޓީގެ ނަމުގައި ދިވެހި ރައްޔިތުންނަށާއި ދަރިވަރުންނަށް އަދި ތަޢުލީމީ ދާއިރާގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށް ތަހުނިޔާ ފޮނުވާފައެވެ. މި ބަޔާނުގައި ބުނެފައިވަނީ، ނިމިދިޔަ 2017 ވަނަ އަހަރަކީ ޤައުމު ބިނާކުރުމަށް ނުކުންނާނޭ ހެޔޮލަފާ ދަރީންތަކެއް ތަރުބިއްޔަތު ކުރުމަށް އެންމެހައި މަސްއޫލުވެރިން ކުރެއްވި ބުރަ މަސައްކަތާއި، ބެލެނިވެރިންނާއި ދަރިވަރުންގެ ހިތްވަރުން ގިނަގުނަ ކާމިޔާބީތަކެއް ލިބިގެންދިޔަ އަހަރެއް ކަމަށެވެ. އަދި މާދަމާއަކީ ދިރާސީ އާ އަހަރެއް ފެށޭ ތާރީޚީ ދުވަހަށްވާއިރު، އެ ޕާޓީގެ މުސްތަޝާރު ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ކާމިޔާބު ޒަޢާމަތުގެ މޭސްތިރިކަމާއި ރޭވުންތެރިކަމުގެ ދަށުން، ކުރީ އަހަރުތަކަށްވުރެ މިއަހަރަކީ ކާމިޔާބު އަހަރެއްކަމުގައި ވާނޭ ކަމާމެދު ދަރިވަރުންނާއި ބެލެނިވެރިން ޝައްކު ނުކުރާނެ ކަމަށެވެ.

ޤައުމެއް ބިނާކުރުމަށް ބޭނުންވާނެ އެންމެ މުހިންމު އެއް ވަސީލަތަކީ ހެޔޮލަފާ ތަޢުލީމީ ޖީލެއް އުފެއްދުންކަން ފާހަގަކޮށް މި ނޫސް ބަޔާނުގައި ބުނެފައިވަނީ އެފަދަ ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކައި އެންމެހާ މަސްއޫލުވެރިން ކުރައްވަމުންގެންދާ ބުރަ މަސައްކަތަށް ޝުކުރުއަދާކުރާ ކަމަށެވެ. މިއަދުގެ ދަރިވަރުންނަކީ މާދަމާ ޤައުމު އުޖާލާ ކޮށްދޭނެ ބަޔަކަށްވީއިރު، މިފެށޭ ދިރާސީ އާ އަހަރަކީ ދަރިވަރުންގެ އިލްމާއި ހުނަރުގެ ގޮތުން ގިނަގުނަ ކުރިއެރުންތަކެއް ލިބޭނެ އަހަރަކަށް ހެދުމަށް މަސައްކަތް ކުރުމަށްވެސް ޕީޕީއެމްގެ ނޫސް ބަޔާނުގައި ދަރިވަރުންނަށް އިލްތިމާސްކޮށްފައިވެއެވެ.