ޚަބަރު

މަޝްރޫޢޫތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުން


މޫސިމީ އެކި އެކި ބަދަލުތަކާއި، އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ތިމާވެއްޓަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ މިންވަރު އިތުރެވެ. 

ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ބިން ހިއްކުމާއި، ފަޅުފުންކުރުމާއި، ކުންޏާއި ގޫޅޭ ބޮޑެތި މަޝްރޫޢުތައް ހިންގުންފަދަ އުމްރާނީ ތަރައްްޤީ މަޝްރުޢުތައް ހިންގާއިރު، ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ އެންމެބޮޑު ދައްޗަކީ މި ނާޒުކު ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ. އުމްރާނީީ ތަރައްޤީގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެންވަޔަންމެންޓް މިނިސްޓްރީން ގެންދަނީ ގިނަ މަސައްކަތްކެއް ކުރަމުންނެވެ. އެމިނިސްޓްރީންދަނީ އެކަމަށްޓަރކައި އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ނަމުގައި ވަކި އެޖެންސީއެއް އުފައްދައި މަސައްކަތްކުރަމުންނެވެ. 

އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ދަނީ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުން ހޯދުމަށް ކުރާ މަަސައްކަތްތަކަކީ ތިމާވެއްޓަށް ގެއްލުން ކުޑަ، ދިރޭތަކެތީގެ ނަސްލު ނެތިގެންނުދާ، ތިމާވެށި ހަލާކުވިޔަނުދީ ކުރާ މަސައްކަތްތަކަކަށް ހެދުމަށް ބާރުއަޅައި، މަސައްކަތްތަކެއް ކުރަމުންނެވެ. 

އީޕީއޭއިން ކުރަމުން އަންނަ އެންމެ  މުހިންމު އެއް މަސައްކަތަކީ ތިމާވެއްޓަށް ބަދަލެއް އަތުވެދާނެ މަޝްރޫޢުއެއް ހިންގުމުގެ ކުރިން ހަދަންޖެހޭ "ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް" ހެދުމުގެ ޢުސޫލްތަކާއި މިންގަނޑުތައް ކަނޑައަޅައި، ހިންގާ ބެލެއްޓުމެވެ.

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާޙިމް ނައީމް ވިދާޅުވީ އުމްރާނީ ބޮޑެތި ކޮންމެ މަޝްރޫޢުއެއް ފެެށުމުގެ ކުރިން އީއައިއޭ ރިޕޯޓް ހަދަމުން ގެންދާކަމަށެވެ. ނައީމް ވިދާޅުވީ އީއައޭ ހެދުމުގެ ސަބަބުން ތިމާވެށިގެ ޙާލަތާއި، ހިންގާ މަޝްރޫޢުގެ ސަބަބުން އަންނާނެ ބަދަލުތަކާއި، އެކަމުން ލިބިދާނެ ގެއްލުން ކުޑަކުޑަކުރުމަށް ދުރާލައި ފިޔަވަޅުތައް އެޅުމަށް މަގުފަހިވާކަމަށެވެ.

އެގޮތުން ބިންހިއްކުމާއި އެއަރޕޯޓްތައް ހެދުމާއި، ފެނާއި ނަރުދަމާގެ މަޝްރޫޢުތައްފަދަ މަޝްރޫޢުތަގެ ސަބަބުން އަންނާނެ ބަދަލުތައް ބަލަމުންއަންނަކަމަށް އޭނާ ވިދަޅުވިއެވެ. އަދި އެފަދަ މަޝްރޫޢުތައް ހިންގަން ހުއްދަ ދެނީ ތިމާވެއްޓަށްކުރާ އަސަރު އެންމެ ކުޑަވާނެ ސަރަޙައްދުތަކަށް ބަލައިގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ނައީމް ވިދާޅުވީ މަޝްރޫޢުތައް ހިންގުމަށް މިނިސްޓްރީގެ ފަރާތުން ހުއްދަދިނުމުގައި އީއައިއޭ ރިޕޯޓްގައި ފުރިހަމަ ވެފައި ހުންނަންޖެހޭ މަޢުލޫމާތުތަކަށް ވަރަށް ބޮޑަށް ބަލާކަމަަށެވެ. އެގޮތުން އެއިން މަޢުލޫމާތެއް ފުރިހަަމަނުވެ، ނުވަތަ އެ މަޝްރޫޢުއެއް ހިންގުމުން ތިމާވެއްޓަށް ބޮޑެތި ގެންލުންވާނަަމަ އެފަދަ މަޝްރޫޢުތައް ހިންގުމަށް ހުއްދަ ނުދޭކަމަށާ އެފަދަ ބައެއް މަޝްރޫޢުތައް ހުއްޓުވުމާއި، ރިޕޯޓް އަލުން އެކުލަވާލަން ބައެއް ކުންފުނިތަކަށް އަންގާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އީއައިއޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޚިލާފުވާ ފަރާތްތަކާއިމެދު ފިޔަވަޅުއެޅުމާއި ޖުރިމަނާ ކުރަމުންދެއެވެ. މިކަމާއިގުޅޭ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާއި ގުޅޭ ޤަވައިދުތަކާއި ޚިލާފުވެއްޖެނަމަ ދެލައްކަ ރުފިޔާއަށްވުރެ ބޮޑު ނޫން ޢަދަދަކުން އެ ކުންފުންޏެއް ނުވަތަ މުޢައްސަސާއެއް ޖޫރިމަނާކުރެއެވެ.