ޚަބަރު

ނ. މަގޫދޫ ދޯންޏަކުން ބޮޑު މާވަހަރެއް ހޮވައިފި


ނ. މަގޫދޫ ދޯންޏަކުން ބޮޑު މާވަހަރެއް ހޮވައިފިއެވެ. މި މާވަހަރު ފެނުނީ ތުރާކުނުން ފެށިގެން 66 މޭލު ބޭރުން އަސްދަނޑިއެއްގެ ތެރޭން ދުއްވާފައި ދަނިކޮށްކަމަށް ދޯނީގެ ފަޅުވެރިން ބުނެއެވެ. މާވަހަރުގެ ސީދާ ބަރުދަން ނޭގޭކަމަށާއި ގާތްގަޑަކަށް 10 އެއް ނުވަތަ 15 ކިލޯ ހުންނާނެކަމަށް މައުލޫމާތުލިބެއެވެ.

މަގޫދޫ ކަނޑުރޯދި ދޯނިން ހޮވި މާވަހަރު ފެނުނު ގޮތާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން އެދޯނީގެ ފަޅުވެރިއެއްކަމަށްވާ ޢަލީ ވަހީދު ބުނީ ދޯނީގައި އުޅޭ ކުއްޖަކު މާވަހަރެއްކަމަށް ބުނުމުން އެފަދަ އެއްޗަކަށް ޝައްކުރެވޭތީ ކައިރިއަށްގޮސް ބެލީކަމަށެވެ. އެއިރުވެސް މާވަހަރެއްކަން މުޅިން ކަށަވަރު ނުވާކަމަށް ޢަލީ ވަހީދު ބުންޏެވެ.

"އަންނަނިކޮށް ފެނުނު ހުދުކުލައިގެ އެއްޗެއް. މާވަހަރެއްކަމަށް ނޫން ކައިރިކުރީއަކީއެއް. ޝައްކުކުރެވޭ އެއްޗެއްވީމަ ކައިރިކޮއްލާފަ ނެގީ" ޢަލީ ވަހީދު ބުންޏެވެ.



މިއީ ކޮންބާވަތެއްގެ މާވަހަރެއްތޯ ޔަޤީންކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެއީ ހުދަންބަރެއްކަމަށް ފަޅުވެރިން ބުނެއެވެ. މި މާވަހަރުގެ އަގު 10 ނުވަތަ 12 މިލިއަނަށް އަރާނެކަމަށް ލަފާކުރެވޭއިރު މާވަހަރު ހޮވާފައިވަނީ މީގެ ހަފްތާއެއް ކުރިން ކަމަށް ކަނޑުރޯދި ދޯނީގެ ފަޅުވެރިން ބުނެއެވެ.

މާވަހަރު ނުވަތަ އަންބަރަކީ ގޮންމާމަހުގެ ހަޖަމުކުރާ ނިޒާމުން އުފައްދާ ބޭރުކުރާ، އުށާ ވައްތަރު ގޮތެއް ހުންނަ ހުޅުހިފާ ގަނޑު މާއްދާއެކެވެ. މާވަހަރު އެކުލެވިގެންވާ އަސްލު މާއްދާ އުފެދެނީ ގޮންމާމަހުގެ ގޮހޮރުގަ އެވެ. ގޮންމާމަހަކީ ބޮޑުމަހުގެ އާއިލާއަށް ނިސްބަތްވާ މަހެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުން އެކި ދުވަސްވަރު ގިނަ އަދަދަކަށް މާވަހަރު ހޮވައެވެ.