ޚަބަރު

ރައީސްގެ އަނބިކަނބަލުން އއ އަތޮޅުގެ ހުރިހާ ރަށަކަށް


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އަރިއަތޮޅު އުތުރުބުރީގަ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ. މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލަކު އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ހުރިހާރަށަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި އެކަމަނާ ފައްޓަވާފައިވާ "އެންމެ ގާތުން" ކެމްޕެއިންގެ ދަށުން އަތޮޅެއްގެ ހުރިހާ ރަށަކަށް އެކަމަނާ ވަޑައިގަތް މީ ފުރަތަމަ ފަރަހަރުވެސްމެއެވެ.



"އެންމެ ގާތުން" ކެމްޕެއިން މިއަހަރަށް ފެށުމުގެ ގޮތުން މިދިޔަ ބުދަދުވަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާޙިމް އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ފެއްޓެވި މިދަތުރުފުޅުގައި އެންމެ ފަހުން ވަޑައިގެންނެވީ އއ. ހިމަންދުއަށާއި އއ. މާޅޮހަށެވެ.  މިއަދު މެންދުރު ހިމަންދޫއަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. ރައީސްގެ އަނބިކަނބަލުން ވަނީ ހިމަންދޫ ރައްޔިތުންނާއި އެރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިން ހުންނަ މީހުންނާއި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި އިސްރަށްވެހިންނާއި ކައުންސިލާއި ހިމަންދޫގެ މުއައްސަސާތަކާއި ބައްދަލުކުރައްވާފައެވެ. ރައްޔިތުންނާއި އެކު ބޭއްވެވި ބައްދަލުވުމުގައި ހިމަންދޫ ރައްޔިތުންވަނީ އެރަށު ބަނދަރާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާ ބަނދަރު ހެދުމަށް މަސައްކަތް ކޮށްދެއްވުމަށް އެކަމަނާގެ އަރިހުން އެދިވަޑައިގެންފައެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން އަރިއަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފަހު ރަށެއްގެ ގޮތުގައި މިއަދު ހަވީރު ވަޑައިގަތީ އއ. މާޅޮހަށެވެ. މާޅޮހަށް ރައީސްގެ އަނބިކަނބަލުން ވަޑައިގަތުމުން އެރަށުން ގިނަ އަދަދެއްގެ ރައްޔިތުން އެކަމަނާއަށް ވަރަށް ޚޫނު މަރުޚަބާއެއް ދެންނެވިއެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުން މާޅޮހުގެ ބަނދަރު ސަރަހައްދަށް އެއްވެ އެކަމަނާއާ ސަލާމްކުރައްވާ އުފާވެރިކަމުގެ ޝުޢޫރުތައް ފާޅުކުރިއެވެ.

އެހެން ރަށްރަށެކޭ އެއްފަދައިން މާޅޮހުގައި ދިރިއުޅޭ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އިސްރަށްވެހިންނާއި ޒުވާނުންނާއި އެކަމަނާވަނީ ބައްދަލުކުރައްވާ އެފަރާތްތަކުގެ ހާލު ބައްލަވާފައެވެ. ޖުމްލަ 8 ރަށް ހިމެނޭ އަރިއަތޮޅު އުތުރުބުރީގެ ހުރިހާ ރަށަކަށް ރައީސްގެ އަނބިކަނަބަލުން ފާތިމަތު އިބްރާހިމް ކުރެއްވި މިދަތުރުފުޅުގަ އެކަމަނާއާ ރައްޔިތުންނާއި ދެމެދުއޮތް ގާތްގުޅުން ފެނިގެންދިޔައެވެ. ހުރިހާ ރަށަކުން ރައްޔިތުން ވަނީ އެފަރާތްތަކުގެ އިހްސާސްތަށް ހިއްސާކުރައްވާ، އެކަމަނާއާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރައްވާފައެވެ. އެގޮތުން ރައްޔިތުންވަނީ އެކަމަނާއާއެކު ފޮޓޯ ނަގާ، އެކަމާއަށް އޮތް ލޯބި ވަރަށް ބޮޑަށް ހާމަކުރައްވާފައެވެ.

މި ދަތުރުފުޅުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.