ޚަބަރު

ރޭ އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ މާލެ ގެންނަނީ


އައްޑޫސިޓީ ފޭދޫ ލިންކުރޯޑުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވީ ޒުވާނާއަށް އިތުރު ފަރުވާދިނުމަށް މާލެ ފޮނުވައިލުމުގެ މަސައްކަތް ކުރަމުންދާކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

މި ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް މާލެ ފޮނުވާލަނީ އުމުރުން އަށާރަ އަހަރުގެ ޒުވާނެކެވެ. އެކްސިޑެންޓްގައި އެ ޒުވާނާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދެމުން އައިސްފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައެވެ.

ރޭ އައްޑޫސިޓީ ފޭދޫ ފެރީ ޓާރމިނަލް ކައިރިން ލިންކްރޯޑުން ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލްނުވެގެންގޮސް ހިނގާފައިދިޔަ ބިދޭސީ މީހެއްގެ ގައިގައި ޖެހިގެން ހިނގި މި އެކްސިޑެންޓުގައި 3 މީހުންނަށް އެކިވަރުގެ އަނިޔާލިބިފައިވެއެވެ. މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވީ ސައިކަލް ދުއްވަން އިން ޒުވާނާއެވެ. އަދި ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށްވެސް ކުދިކުދި އަނިޔާތަކެއް ލިބި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދީފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. ސައިކަލުން ޖެހުނު ބިދޭސީ މީހާއަށް ފަރުވާދީފައިވާކަމަށްވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ.