ޚަބަރު

ދުވަހަކުވެސް ކޮރަޕްޝަނުގެ ޢަމަލެއް ނުހިންގާނަން: ޣައްސާން


ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރުމަށް ސިންގަޕޫރުގެ ކުންފުންޏަކާ ޙަވާލުކުރުމުގައި ކޮރަޕްޝަނުގެ ޢަމަލު ހިންގާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫން ދޮގުކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްގެ އުއްމީދާއި ކުރިއެރުން ޕްރޮގްރާމްގައި ވާހަކަދައްކަމުން ޣައްސާން މައުމޫން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތް ކުރުމަށް ސިންގަޕޫރުގެ ކުންފުންޏަކާއި ހަވާލު ކުރުމުގައި އެމަނިކުފާނު މަޤާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ދަނީ އެއްވެސް ޙަޤީޤަތެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ.

ޣައްސާން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރަން ކޮންޓްރެކްޓަރަކު ހޯދައި، އެ މަސައްކަތް އެވޯޑު ކޮށްފައިވަނީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލް އެޅުމަށް ސިންގަޕޫރުގެ ޗަން ހުއާ ކުންފުންޏާ ހަވާލުކުރި އަގަކީ ވަރަށް ބޮޑު އަގެއް ކަމަށް ވިދާޅުވެ ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ޣައްސާން ވިދާޅުވީ އެ އިމާރާތް އެޅުމަށް އެވޯޑްކޮށްފައިވާ އަގަކީ އެކަށޭނަ އަގެއް ކަމަށެވެ. އަދި މި ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކުގައި ކަރަޕްޝަން އަމަލެއް ހިންގާނެ އެއްވެސް ފުރުސަތު ނޯންނާނެކަމަށެވެ. 

"މަސައްކަތް ކުރީމަ، މަސައްކަތް ކުރޭތޯ ބަލަން ދިވެހި ސަރުކާރުން އައްޔަނު ކުރާ އިންޓަނޭޝަނަލް ކޮންސަލްޓެންޓުން ތިބޭނެ. އައިޖީއެމްއެޗު މަޝްރޫއުގައި ވެސް ބްރިޖު މަޝްރޫއުގައި ވެސް މިގޮތަށް ކޮންސަލްޓެންޓުން ތިބޭނެ. ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކުރަނީ ވެސް ކޮންސަލްޓެންޓުން ސޮއިކޮށްފައި އެބުނާ މަސައްކަތްކުރި ކަމަށް ކަށަވަރު ކުރެވުނީމާ. މިކަހަލަ ޗެކް އެންޑް ބެލެންސެސް ހުރިހާ މަޝްރޫއެއްގައި ވެސް ގާއިމު ކުރައްވާފައި ރައީސް ޔާމިން މިހުރީ،" ޣައްސާން މައުމޫން ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށްބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން އެ ކޮމިޝަނުންވެސް ވަނީ އެ މައްސަލަ ބަލާފައެވެ. އޭސީސީން އެ މައްސަލަ ބެލުމަށްފަހު ވަނީ އެ މަސައްކަތުގައި ކޮރަޕްޝަނުގެ އެއްވެސް ޢަމަލެއް ހިންގާ ނުވާ ކަމަށް ނިންމާފައެވެ.