ޚަބަރު

އިންޑިއާ ރިޕަބްލިކް ޑޭ ކޭމްޕަށް ދިވެހި ހަތަރު ކެޑޭޓުން


އިންޑިއާ ރިޕަބްލިކް ޑޭ ކޭމްޕްގައި ބައިވެރިވާ ދިވެހި ކެޑޭޓުންނާ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ބައްދަލު ކުރައްވައިފިއެވެ. 

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއިން ކެޑޭޓް ކޭމްޕްތަކުގައި ބައިވެރިވި ދަރިވަރުންކޮށްފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކޮށްފައެވެ. އަދި މިއަހަރުގެ މި ކޭމްޕްގައި ބައިވެރިވާ ދަރިވަރުންނަކީވެސް ރިވެތި އަޚްލާގެއްގައި ކެރިގެން މަސައްކަތްކުރާ ބަޔަކަށްވުމަށް އިލްތިމާސްކޮށްފައެވެ.

މި މަހުގެ 15 އިން 30ގެ ނިޔަލަށް އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދާ މި ކޭމްޕްގައި ރާއްޖޭއިން 4 ކެޑޭޓުންނާއި 2 އޮފިސަަރުން ބައިވެރިވެއެވެ.

މި ކޭމްޕްގައި ބަައިވެރިވާ ކެޑޭޓުން އިންޑިއާ މިލިޓަރީ އެކަޑަމީއާއި، ޖައިޕޫރަށާއި، ތާޖް މެހެލްއާއި ކުތުބް މިނާރުގެ އިތުރުން އިންޑީއާގެ އަސާރީ ތަންތަނަށް ޒިޔާރަތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ކޭމްޕްގެ ބައިވެރިން އިންޑިއާގެ ރައީސްއާއި ބޮޑުވަޒީރު ނަރެދުރަ މޯދީ އާއި ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ. މީގެއިތުރުން އިންޑިއާގެ ޑިފެންސް މިނިސްޓަރާއި ޗީފް އޮފް އާރމީ އަދި ނޭވީ ސްޓާފުންނާއި ނެޝަނަލް ކެޑޭޓް ކޯގެ ޑިރެކްޓަރ ޖެނެރަލް އާއި ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.

ކެޑޭޓް ކޭމްޕަށް ދަރިވަރުން ހޮވާފައިވަނީ ގްރޭޑް 8،9 ގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން ލާންސް ކޯޕްރަލުން މަތީ ރޭންކެއްގައި ތިބި ދަރިވަރުންނެވެ. މި ދަރިވަރުން ހޮވުމުގައި އަހްލާގު ރަނގަޅު، ދިވެހި ތާރީހާއި ދިވެހި ކެޑޭޓުންގެ ތާރީހުގެ މައުލޫމާތު ހުރި އަދި ދުޅަހެޔޮ ސިއްހަތު ރަނގަޅު ކެޑޭޓުންނަށް އިސްކަންދީފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މި ކޭމްޕަކީ ފާއިތުވެދިޔަ ފަސް މަސްދުވަހުގެ ތެރޭގައި ޤައުމީ ކެޑޭޓް ކޯގެ ފަރާތުން ބައިވެރިވާ ބައިނަލް އަޤްވާމީ ހަތަރުވަނަ ކޭމްޕެވެ.